އޭޝިއަން ކަޕް ކޮލިފައިންގައި މެލޭޝިއާއިން ގަވައިދާ ހިލާފަށް ކުޅުންތެރިންތަކެއް ލައްވައި ކުޅުވި މައްސަލައިގައި އެޓީމަށް އޭއެފްސީން އަދަބު ދީފިއެވެ.
މެލޭޝިއާއިން ގަވައިދާ ހިލާފަށް ކުޅުންތެރިން ލައްވައި ކުޅުވި މައްސަލައިގައި އެެޓީމު، 50،000 ޑޮލަރުން ޖޫރިމަނާކޮށް، ދެ މޮޅެއް އަތުލާފައިވެއެވެ. އެއީ ނޭޕާލާއި ވިއެޓްނާމާ ދެކޮޅަށް އެޓީމުން ހޯދާފައިވާ މޮޅުތަކެވެ. އެ މޮޅުތައް ބަލައިނުގަންނަން ނިންމައި، އޭއެފްސީން ނިންމާފައި ވަނީ އެމެޗުތަކަކީ މެލޭޝިއާއިން ދޫކޮށްލި މެޗުތަކެއްގެ ގޮތުގައެވެ. އެހެންކަމުން އެ ދެމެޗުންވެސް މެލޭޝިއާ، 3-0 އިން ބަލިވި ކަމަށް ވަނީ ނިންމައިފައެވެ.
މެލޭޝިއާ ހިމެނެނީ އޭއެފްސީ އޭޝިއަން ކަޕް 2027 ގެ ކޮލިފިކޭޝަން ގްރޫޕް އެފްގައެވެ. ޕޮއިންޓް އުނިކުރުމާއެކު އެޓީމަށް ވަނީ ވިއެޓްނާމްގެ ފަހަތަށް ސޮއްސާލައި، ކޮލިފިކޭޝަން ފުރުސަތު ގެއްލިފައެވެ. އެއީ ހަ ޕޮއިންޓްގެ ފަރަގެއް އޮތުމުންނެވެ. ވިއެޓްނާމަށް މިހާރު ވަނީ 2027 ވަނަ އަހަރު ސައުދީގައި އޮންނަ އޭޝިއަން ކަޕުން ފުރުސަތު ލިބިފައެވެ.
މެލޭޝިއާގެ އެފްއޭގެ މައްޗަށް އަދަބު ދީފައި ވަނީ މައްސަލަ ބަލަމުންދާތާ ދުވަސްތަކެއް ފަހުންނެވެ. މެލޭޝިއާ އެފްއޭއިން ގައުމީ ޓީމުގެ ހަތް ކުޅުންތެރިޔަކު އެގައުމަށް ކުޅުވުމަށް، ނެޗުރަލައިސައިޒޭޝަން ލިޔެކިޔުންތަކެއް އޮޅުވާލި ކަމަށް މީގެ ކުރިން ފީފާއިން ނިންމާފައިވެއެވެ. އެކަމުގެ އަދަބެއްގެ ގޮތުގައި ކުޅުންތެރިން އެއް އަހަރަށް ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށް، މެލޭޝިއާ އެފްއޭއަށް 444،275 ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ.
އެ ނިންމުން އިސްތިއުނާފުކޮށްގެން މިހާރު އެ ކުޅުންތެރިންނަށް ކްލަބުތަކާއެކު ތަމްރީނުކުރަން ހުއްދަ ދޭން ކާސްއިން ވަނީ ނިންމައިފައެވެ.
މުޙައްމަދު ޝަމްޢޫން
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު