ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް މައްސަަލަ ހުށަހަޅައިފިއެވެ.
މި ވޯޓް ނަގަން ނިންމާފައި އޮތީ، އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ކައުންސިލް އިންތިހާބާއެކުއެވެ.
ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އަޑު އުފުލަމުން އަންނަނީ އިދިކޮޅު އެމްޑީޕީންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާމިގިނލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާއި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަންސިޔާމް) ގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވަނީ އެކަމަށް ތާއީދުކޮށްފައެވެ.
ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިންއާއި ވަކީލް އައިކް އަހުމަދު އީސަގެ އިތުރުން ވަކީލް އިބްރާހިމް ޝިޔާމެވެ.
އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ މަޖިލީހުގެ މިދިޔަ މަހު ގާނޫނު އަސާސީއަށް ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށެވެ.
އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސެއިން ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތައް 15 ދުވަހުގެ ތެރޭގައި ތަސްދީގުކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަޖިލީހުން ފޮނުވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުކަމަށްކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
ކޮންމެ ގޮތަކަށް ގުނިއަސް ގާނޫނުއަސާސީގައި ބުނާ މުއްދަތު މިހާރު ފާއިތުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބާތިލްވެފައިވާ ބިލަކާ މެދު ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓެއް ނޯންނާނެ ކަމަށެވެ.
ވަކީލް އައިކްއާއި ޝިޔާމް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނު އަސާސީއާ ހިލާފު ސުވާލެއް ކަމަށެވެ.
ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލަކީ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯއެވެ.
އެކަމާ ގުޅިގެން އައިކު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގާނޫނު އަސާސީގައި އޮންނަނީ 262 ވަނަ މާއްދާގެ ށ. ގައި ބުނާ ކަންކަމަކަށް ބަދަލެއް ގެންނަ ނަމަ، ކަމަށެވެ.
ނަމަވެސް ވޯޓުގައި އަހާފައިވަނީ ގާނޫނު އަސާސީއަށް ގެނައި އިސްލާހެއް ތަސްދީގުކުރުމާ ބެހޭގޮތުންކަމަށް އައިކް ވިދާޅުވިއެވެ. އެފަދަ އިސްލާހެއް ތަސްދީގުކުރުމާ ބެހޭގޮތުން ރައްޔިތުންނާ ސުވާލު ކުރީމަ ރައްޔިތުންނަށް އިތުރަށް އޮޅުންތަކެއް އަރާނެކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އަލީ ހުސައިން