ޖިންސީ އަނިޔާ ލިބުނު ކުއްޖައްކާ ގުޅޭ ބައެއް ހެކިތައް ކޯޓުން ބޭރުގައި ބަލައި، ދިރާސާކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށް، އެކަަމަށް ހައިކޯޓުން ތާއީދު ކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން އެ އަމުރު ބާތިލު ކޮށްފިއެވެ.
މިއީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ ދަށުން، މުހައްމަދު ކިޔާ މީހަކުގެ މައްޗަށް ދައުލަތުން ކޮށްފައިވާ، ކުޑަކުއްޖަކު އިތުބާރު ކުރާން ޖެހޭ މަގާމެއްގައިހުރި މީހަކު އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއަކާ ބެހޭ މައްސަލައެކެވެ.
މި މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު، ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް ދައުލަތުން ކޯޓުގައި އެދުނެވެ.
އޭގެ ތެރޭގައި ހިމެނެނީ، ޝަރީއަތުގެ މަރުހަލާގައި މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅާ ޝަރުތަކާ އެއްގޮތަށް އެ ތަކެތި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ކޯޓުގައި ހަމަޖައްސައިދިނުމަށް އެދޭ ހެއްކާއި، މުޖުތަމައުގެ ތެރެއަށް ހެކި އާންމު ނުވާނެ ގޮތެއްގެ މަތީން އަމަލުކުރުމަށް ދައުވާ ލިބޭ މީހާ އާއި ދިފާއީ ވަކީލުގެ މައްޗަށް ޝަރީއަތުން ޝަރުތުކުރުމަށްފަހު ހާމަކުރަން އެދޭ ހެކިތަކެކެވެ.
މީގެ ތެރެއިން ކޯޓުގައި ދިރާސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދިފައި ވަނީ މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިން އާއި، ހަމަ މި މައްސަލައިގައި ހެކިބަސްދޭ އެހެން ކުޑަކުއްޖެއް ތަހުގީގަށް ދީފައިވާ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިން އެވެ.
ޝަރުތުތަކާއެކު ހާމަކުރުމަށް އެދޭ ހެކީގެ ގޮތުގައި ބަޔާންކޮށްފައި ވަނީ މެޑިކޯ- ލީގަލް ރިޕޯޓާއ،ި ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓާއ،ި އިޖްތިމާއީ ހާލަތު ދެނެގަތުމާ ބެހޭ ރިޕޯޓާއި، ފުލުހުންގެ މޯބައިލް ފޮރެންސިކް ރިޕޯޓާއި އެ ރިޕޯޓުގެ ސީޑީއެވެ.
މި ހުށަހެޅުންތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނެވެ.
އެއީ ކުޑަކުދީންގެ ވީޑިއޯ ހިމެނޭ ހެކިތަކެއް ކަމުން، ހެކި ހާމަކޮށްފިނަމަ ކުދިންގެ ކަރާމަތަށް އުނިކަމެއް އަތުވެދާނެފަދަ ޒާތީ މައުލޫމާތު މުއާއްމުވުން، ހެކި ރައްކާތެރިކޮށްދޭ ސަބަބެއްގެ ގޮތުގައި ކޯޓު އަމުރުގައި އޮތް ނަމަވެސް އެއީ ދިފާއު ބިނާކުރުމަށް މުހިންމު ހެކިތަކެއް ކަމަށް ބުރަވެވޭތީ ކޯޓުގައި މި ހެކިތައް (ކުއްޖާގެ ވީޑިއޯ ހިމެނޭ ސީޑީތައް) ބަލައި ދިރާސާކުރުމަށް ފުރުސަތު ލިބޭގޮތަށް އެ މިންވަރަށް ރައްކާތެރިކޮށް ހިމާޔަތްކުރުން ކަމުގައި ބުރަވެވޭ ކަމަށްވެސް ހިމަނާފައިވެއެވެ.
ނަމަވެސް ހެކިތައް ދިރާސާކުރުމަށް ގިނަ ވަގުތު ހޭދަވާނެތީ އާއ،ި ކޯޓުގެ ވަގުތާއި ވަސީލަތްތައް ސަލާމަތްކުރުމަށް، ކޯޓުގައި ހެކި ދިރާސާކުރުމުގެ ބަދަލުގައި އެހެން އިންތިޒާމެއް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ، ޝަރީއަތް ދިގުލައިގެން ދިޔަ ނުދިނުމަށް، ދިފާއީ ވަކީލަށް އެކަނި ވަދެވޭގޮތަށް، ކޯޓުން ކަނޑައަޅާ ވަކި ވަގުތުތަކެއްގައި އެކްސެސް ކޮންޓްރޯލް ކުރެވި، ލޮގް ބެލެހެއްޓޭނެ ނިޒާމެއްގެ ތެރެއިން އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލުމުގެ ފުރުސަތު ފަހިކޮށްދެވިދާނެކަމަށް، ކޯޓު އަމުރުގައި އޮތުމުން އެކަމަށް ސުވާލު އުފައްދައި، އެކަން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
ހައިކޯޓުން ހުކުމްކުރީ، ކްރިމިނަލް ކޯޓުގެ އަމުރަށް ބަދަލު ގެންނާން ޖެހޭފަދަ ގާނޫނީ ސަބަބެއް ނެތްކަމަށެވެ.
ނަމަވެސް ހަމަ އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ، އަނިޔާ ލިބުނު ކުއްޖާގެ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިން އާއި ހަމަ މި މައްސަލައި ގައި ހެކިބަސްދޭ އެހެން ކުޑަކުއްޖެއް ތަހުގީގަށް ދީފައިވާ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިން، ދައުވާ ލިބޭ ފަރާތުގެ ދިފާއުގެ ބޭނުމަށް، ކޯޓުން ބޭރުގައި ދިރާސާކޮށް ބެލުމުގެ ފުރުސަތު، ކުރިމިނަލް ކޯޓުގެ އަމުރުން ދީ، އެ އަމުރަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ކަނޑައެޅިފައިވާ ހަމަތަކާ އެއްގޮތަށް ނޫން ކަމަށެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ އެ އަމުރުގައި ކޯޓުން ބޭރުގައި ހެކިބަލައި ދިރާސާކުރުމަށް ފުރުސަތު ދިނުމަށް ކަނޑައަޅާފައިވާ ބައި ބާތިލުކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓް