މިމަހުގެ 13 ގައި އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު މަރުވުމާއި، އިތުރު ދެ ރައްޔިތަކަށް އަނިޔާވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަހްމާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސްގެ އޮފީހުން މިއަދު ބުނީ އެމަނިކުފާނު ފޮނުއްވި ތައުޒިޔާގައި ވަނީ މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، މި ހިތާމަވެރި ދަނޑިވަޅުގައި، ބޮޑުވަޒީރަށާއި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނާއި، ހާއްސަކޮށް، އެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހަމްދަރުދީ ފާޅުކުރައްވައި، ތައުޒިޔާ ފޮނުއްވާފައި ކަމަށެވެ.
އެމަނިކުފާނާއި، ދިވެހި ރައްޔިތުން ތިބީ، އެ ހާދިސާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކާ އެކުގައިކަން ހާމަކުރައްވައި، ރައީސް ވަނީ މި ހާދިސާގައި، ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ދިވެހި މުޖުތަމައުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުން އަންނަ ދައުރަކީ އަގު ނުކުރެވޭ ދައުރެއްކަމަށާއި، މި ހާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާކަމަށްވެސް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ އިތުރުން، މި ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި، އެފަދަ ހާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް