ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ސެވިއްޔާ ކައިރިން 5-2 އިން މޮޅުވެއްޖެއެވެ.

ބާސާއިން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސެވިއްޔާ ކައިރިން މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން ކުޅުނު މެޗުންވެސް މި ހަފުތާ މޮޅުވެފައިވާ އިރު، މިވަގުތު ދެޓީމުގެ ފަރަގަކީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ. ބާސާއަށް 28 މެޗުން 70 ޕޮޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރެއާލަށް 28 މެޗުން ލިބިފައި ވަނީ 66 ޕޮއިންޓެވެ.

ވަރުގަދަކޮށް މެޗު ފެށި ބާސާއިން ކުރީކޮޅުގައި ލީޑުވެސް ނެގިއެވެ. ޖައޯ ކާންސެލޯ ހުރަސްކުރި ބޯޅައެއް އޭރިއާ ތެރެއިން ޖޯސޭ އެންހޭލް ކާމޯނާ އަތުގައި ޖެހުމުން ލިބުނު ޕެނަލްޜީ ރަފީނިއާ ކާމިޔާބުކުރި އިރރު، 21 ވަނަ މިނެޓުގައި ރަފީނިއާ ވަނީ އިތުރު ޕެނަލްޓީއެއް ޖަހައި ދެވަނަ ގޯލް ކާމިޔާބު ކޮށްފައެވެ.

ހާފު ނިމުމުގެ ކުރިން 38 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ޖެހި ގޯލުން ބާސާ ގާތްގަނޑަކަށް ތިން ޕޮއިންޓް ޔަގީންކުރި އިރު، ހާފު ނިމުމުގެ ކުރިން އޯސޯ ޖެހި ގޯލުން ސެވިއްޔާ ކުޑަ އުންމީދެއް ހޯދިއެވެ.

އެ ގޯލާއެކު ސެވިއްޔާ ހިތްވަރު ހޯދި ނަމަވެސް، ބާސާއިން ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ދެ ގޯލް ޖެހިއެވެ. އެއީ ރަފީނިއާއާއި ޖުއާއޯ ކާންސެލޯ ޖެހި ގޯލްތަކެވެ.

އެއާއެކު މުހިއްމު ތިން ޕޮއިންޓް ބާސާއިން ޔަގީންކުރި އިރު، ސެވިއްޔާގެ ދެވަނަ ގޯލް، މެޗު ނިމެން ދަނިކޮށް ެޖހީ ޖިބްރިލް ސޯއެވެ.