އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ފުރުސަތު އަންނަ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތީގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އީސީން ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި އާންމު ވޯޓުގެ ދާއިމީ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން ކުރިޔަށްދާނީ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:30 އިން 12:00 ގެ ނިޔަލަށް ކަމަށެވެ.
އީސީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ދާއިމީ ވޯޓާސް ލިސްޓުގައި ސޮއިކުރާނީ ސިޔާސީ ޕާޓީތަކުން ކަމަށެވެ.
ކެންޑިޑޭޓުން ސޮއި ކުރމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒު ގައި ކަމަށްވެސް އެ އިއުލާނުގައިވެއެވެ.
އީސީން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެ ކަމަށެވެ. އަދި ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންދަންވާނެ ކަމަށެވެ.
އަލީ ޔާމިން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން