އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތަކުގައި އޮބްޒާވަރުންގެ ގޮތުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް އެދި ސިޔާސީ ޕާޓީތަކުން އީސީއަށް ހުށަހަޅާފައިވާތީ، އަންނަ މަހު 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 15 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 12:00 އަށް އިތުރު މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އޮބްޒާވަރުންގެ ޝަރުތުތައް:

  • އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
  • ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން
  • ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން
  • އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން
  • އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވުން
  • ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން

އެ ދެ އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި، އަމިއްލަ ފަރާތްތަކަށް އޮބްޒާވަރުންނަށް ވުމަށް އެދި ފޯމު ހުށަހަޅޭނެއެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން އޮބްޒާވަރުންގެ ގޮތުގައި ހުށަހަޅަން ޖެހެނީ ސިމެދަ ޕޯޓަލް މެދުވެރިކޮށް އެ ޕާޓީއަކަށް ދީފައިވާ ލޮގިންއިންއެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާއަތްތަކަށް ފާސް ދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމިއްޔާއަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ %10 އިތުރު ނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރި ވެވޭނީ 1 އޮބްޒާވަރަށެވެ.