އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ އެއްގައި ފަސް މީހަކު މަރުވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ މިރޭ ހިނގި އަލިފާނުގެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.

މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެތަނުގައި އަލިފާން ރޯވެފައިވަނީ ގޭސްފުޅިއެއް ގޮވައިގެންނެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 2:00 އެހައިކަން ހާއިރުއެވެ. ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.