ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން، އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ރ. ވާދޫ، ވިންޑްސްޓާ، މުހައްމަދު އިގްބާލެވެ.

ފުލުހުން މިރޭ ބުނީ މުހައްމަދު އިގްބާލް ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިރޭ 20:48 އެހާކަންހާއިރު ކަމަށެވެ. އޭނާ ކަނޑު މައްޗަށް ނުކުމެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައިކަމަށް ފުލުހުން ބުންޏެވެ.

"އޭނާ ނުކުތީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުންޏެވެ.

މުހައްމަދު އިގްބާލް ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބުމާއެކު އެކަމުގެ މައުލޫމާތު ފުލުހުންގެ ކަމާބެހޭ ޑިޕާޓްމެންޓުތަކަށް ހިއްސާކޮށްފައިވާނެކަމަށް ފުލުހުން ބުންޏެވެ.

މުހައްމަދު އިގްބާލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، އެ މައުލޫމާތެއް ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދޭކަމަށް ފުލުހުން ބުންޏެވެ.