މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް 2026 ގައި ކުޅެވޭނެ އެއްވެސް ހާލަތެއް މިވަގުތު އީރާނަށް ނެތް ކަމަށް އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު ޑޮންޔަމާލީ ރޭ އިއުލާނުކުރައްވާފައިވެއެވެ. މިއަހަރުގެ ވޯލްޑް ކަޕް ޖޫން މަހުގައި ފަށަން ތައްޔާރުވެފައިވާ އިރު، މުބާރާތް އޮންނާނީ އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައެވެ. އޭގެ ތެރެއިން އެމެރިކާއާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާތައް ދީ، މިހާތަނަށް ގިނަ ގެއްލުންތަކެއް އެ ގައުމަށް ދީފައިވެއެވެ.

އެމެރިކާއާއި އިޒްރޭލް އިސްވެގެން ފެށި ހަމަލާތަކުގެ ސަބަބުން ބޮޑު ހަނގުރާމައެއް ފެށިފައިވާ އިރު، އީރާނުން ވޯލްޑް ކަޕަށް ނުދާން ނިންމީ އެމެރިކާގެ ހަމަލާތަކުގައި އީރާންގެ ކުރީގެ ރޫހީ ލީޑު، އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވުމާއި، އެގައުމުގެ ކުޑަކުދީންނާއި އާންމުންނަށް ހަނގުރާމައިގައި ދެމުންދާ ގެއްލުންތަކުގެ ސަބަބުންނެވެ.

އީރާންގެ އެ ނިންމުން އަންނާނެ ކަމަށް ފީފާއަށް މާ ކުރިންވެސް ހީވެފައި އޮތް ކަމަށް ނޫސްތައް ބުނެއެވެ. ފީފާއިން ދާދިފަހުން ސުލްހައިގެ އިނާމު އެރުވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވެސް އެކަން އެނގިވަޑައިގެންފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އެއީ ވާހަކަފުޅު ހުރި ގޮތުންނެވެ. ޓްރަމްޕް ފުރަތަމަ ގަދަ ބަސް ވިދާޅުވެ، އީރާން ނުކުޅުނަސް ހެޔޮ ކަމަށް ވިދާޅުވެ، އިއްޔެގެ ވަގުތެއްގައި ފީފާގެ ރައީސާ ދެއްކެވި ވާހަކަފުޅު މުޅީން ތަފާތެވެ.

ޓްރަމްޕް ކުރިން ވިދާޅުވީ، އީރާނުން ވޯލްޑް ކަޕްގައި ނުކުޅުނަސް ހެޔޮ ކަމަށެވެ. އެހެން ނަމަވެސް އީރާން ނިންމި ނިންމުމުގެ ކުޑަ އިރުކޮޅެއް ކުރިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކުރެއްވި ޕޯސްޓެއްގައި އޭނާ ފާހަގަކުރެއްވީ އީރާން ޓީމަށް މަރުހަބާ ވިދާޅުވާން ޓްރަމްޕާއި އެމެރިކާ އޮތް ކަމަށެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލު އިސްވެ އޮވެގެން ފެށި ހަނގުރާމައާ ގުޅޭގޮތުން ފީފާއިން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، މިހާރު އޮތް ގޮތުން ވޯލްޑް ކަޕް ތާވަލާ އެއްގޮތަށް ގެންދަން ކުރާ މަސައްކަތް އިތުރު ކުރާނެ ކަމަށް އޭނާ ވައުދުވެވަޑައިގެންފައިވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕާއި ފީފާގެ ރައީސް އިންފަންޓީނޯ ---

ތަޖުރިބާކާރުންގެ ނަޒަރުގައި އިންފަންޓީނޯއަށް މިއީ އޭނާގެ ދައުރުގައި ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖެވެ. ހާއްސަކޮށް އެމެރިކާގެ ރައީސާއި، އެމެރިކާއާއާއެކު މާބޮޑަށް މަސްހުނިވުމުގެ ސަބަބުން ފީފާއަށް ވަނީ އެކަމުގެ ފާޑުކިޔުމާ ވެސް ކުރިމަތިލާން ޖެހިފައެވެ. މިއަހަރުގެ މުޅި ވޯލްޑް ކަޕް އެމެރިކާއަށް ބައްޓަން ކޮށް، ޓްރަމްޕް ބޭނުންހާ ގޮތަކަށް ކަންކަން ކުރަމުން ދިޔުމުގެ ހިތި ފީފާއަށް ފެންނާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

އެމެރިކާއާއި ޓްރަމްޕްގެ އިތުރުން އިންފަންޓީނޯއަށްވެސް ދެން އޮތީ ބޮޑު ޓެސްޓެކެވެ. މުޅި ދުނިޔެ އެމެރިކާއަށް ބަލަމުންދާ ވަގުތެއްގައި، ވޯލްޑް ކަޕަށް އެ ގައުމުން ދައްކަނީ ކޮން މަންޒަރެއްތޯ ސުވާލުކޮށްލަމާ ހިނގާށެވެ. ޔަގީނުންވެސް އެމެރިކާއަކީ އިންފަންޓީނޯއަށް ފެނިވަޑައިގަތް، ސުލްހަވެރިކަމެއް އެގައުމަކުން އެހެން އެއްވެސް މީހަކަށް ނުފެންނާނެއެވެ.

ގައުމެއް ވޯލްޑް ކަޕުން ވަކިވެއްޖެނަމަ ކަން ކުރާނެ ވަކި އުސޫލެއް ނެތް؟

މި ފަހުގެ ތާރީހެއްގައި ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ގައުމަކުން މުބާރާތުން ވަކިވެފައެއް ނުވެއެވެ. އެ މުބާރާތުގެ ކުރިއަށް އެ ހާލަތަށް ހިނގައްޖެނަމަ، ދެން އަމަލުކުރާނެ ގޮތެއް ސީދާ ބުނެފައެއް ނެތެވެ. ފީފާގެ އުސޫލުތަކަށް ބަލާއިރު، އެ އިދާރާއިން ބޭނުން ގޮތަކަށް އެކަމުގައި އަމަލުކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

"މިސާލަކަށް މިހާރު އުސޫލުތައް އޮތް ގޮތުން، ގައުމެއް ވޯލްޑް ކަޕުން ވަކިވެއްޖެނަމަ، ދެން އޭގެ ބަދަލުގައި އެ ޖާގަ ދޭނީ ސީދާ އެ ބައްރުގެ ޓީމަކަށް ކަން ނުވަތަ އެހެން ގޮތަކަށް ބަލައިގެން ކަމެއް ސީދާ ސާފުކޮށް އެނގޭކަށް ނެތް. ދެން އެހެން އެކަން އޮތުމުން އުފެދޭ ސުވާލަކީ، ފީފާގެ ސިޔާސީކަމާއެކު، އެ ނިންމުމަށް ޕްރެޝަރު ބޮޑު ނުވާނެތޯ؟،" ފީފާގެ ކުރީގެ ޑިރެކްޓާ އޮފް ފުޓްބޯލް ރެގިއުލޭޓަރީ، ޖޭމްސް ކިޗިން ރޮއިޓާސްއަށް ބުނެފައިވެއެވެ.

އީރާނަކީ މިއަހަރުގެ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ޓީމެވެ. މިއީ އެ ގައުމުން ޖެހިޖެހިގެން ކުޅޭ ހަތަރުވަނަ ވޯލްޑް ކަޕެވެ.

ކިޗިންގެ ނަޒަރުގައި އީރާނުން މުބާރާތުން ވަކިވި ނަމަވެސް، މިހާރު އޮތް ހާލަތުން ފީފާއަށް އެގައުމަށް އަދަބު ދޭކަށް ނުކުރޭނެއެވެ. އެއީ ފީފާއަށްވެސް އީރާންގެ ހާލަތު ސާފުވާތީއެވެ. އަދި އެމެރިކާގެ ކަންތައް ހުރި ގޮތުން ފީފާއަށް އީރާން ކުށްވެރިކުރެވޭނެ ޖާގައެއްވެސް ނެތް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ފުޓުބޯޅައިން ރަޝިއާ ބޭރުކުރި ގޮތަށް އިޒްރޭލް ބޭރުކުރަން ނުކުރެމުން ޕްރެޝަރުވެފައި އޮތް ފީފާއަށް ހަމަ ޔަގީނުންވެސް މިހާރު އޮތީ އިތުރު ބޮލު ރިހުމެކެވެ. އީރާނަށް ތާއީދުކުރާ، އީރާނުގެ ނިންމުމަކީ އިންސާފުކަމަށް ގަބޫލުކުރާ އެހެން ގައުމަތަކަކުންވެސް އެމެރިކާގެ ވޯލްޑް ކަޕާ ދެކޮޅަށް އަޑު އުފުލާފާނެ ހާލަތަކަށް މިހާރު ކަންތައް ދަނީއެވެ. އެއީ ފީފާއިން އެމެރިކާގެ އުނގު ތެރެއަށް ވެއްޓުމުގެ ހިތި ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

އިންޓަކޮންޓިނެންޓަލް ޕްލޭ-އޮފްސްއަށް ހުރަސްތަކެއް

ވޯލްޑް ކަޕް ގުރުނެގުމުގެ އިވެންޓްގެ ތެރެއިން ---

ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހާލަތަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ދަތުރުފަތުރު ހުއްޓި، މުޅި އިގުތިސޯދު ހުއްޓުމަކަށް އަތުވެއްޖެއެވެ. ދުނިޔޭގެ އެންމެ ބާރުބޮޑު އެއާޕޯޓުތައް ފަޅުވެއްޖެއެވެ. ހައްތާވެސް އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކުގެ ގެއްލުމެވެ. އީރާނުން އަމިއްލަ ދިފާއަށް ދިން ހަމަލާތަކުގެ ނުރައްކާވެސް މުޅި މެދުއިރުމައްޗަށް ފޯރައިފިއެވެ.

ދަތުރުފަތުރަށް އައި ބުރައިގެ ސަބަބުން ވޯލްޑް ކަޕްގެ އިންޓަކޮންޓިނެންޓަލް ޕްލޭ-އޮފްސްއަށް އަސަރުކުރާނެ ކަމަށް މިހާރު އޮތީ ބެލެވިފައެވެ. މިފަހަރު ވޯލްޑް ކަޕްގެ ފަހު ދެ ޖާގައަށް ކުޅެން ނިންމާފައި ވަނީ އިންޓަ-ކޮންފެޑެރޭޝަން ޕްލޭއޮފް މުބާރާތެއް ފީފާއިން ރޭވީ ފޯރިގަދަ ކުރުމަށެވެ.

މުބާރާތުގައި ވާދަކުރާނީ ޖުމުލަ ހަ ގައުމެވެ. އެއީ އޭއެފްސީއާއި ކާފް، ކޮންކަކަފް، ކޮންމެބޯލް އަދި އޯއެފްސީ ކޮންފެޑެރޭޝަނުންނެވެ. މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މެކްސިކޯގައެވެ.

އެ މުބާރާތުގެ ގުރުނެގިއިރު، ސީޑު ކޮށްފައިވާ ދެޓީމަކީ އޭޝިއާގެ އިރާގާއި ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. އިރާގުން 1986 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވާން މަސައްކަތް ކުރަމުން އަންނައިރު، އެޓީމުން ވާދަކުރާނީ ފައިނަލުގައެވެ. އެ ފަޅީން ސެމީގައި ނުކުންނާނީ ބޮލީވިއާއާއި ސުރިނާމެވެ.

އަނެއްފަޅިން ކޮންގޯއާ ދެކޮޅަށް ނުކުންނާނީ ކަލެޑޯނިއާއާއި ޖަމައިކާ ވާދަކުރާ ސެމީން މޮޅުވާ ޓީމެކެވެ.

އެ މުބާރާތް މިމަހު 27 އަށް ތާވަލުކޮށްފައިވާ އިރު، އިރާގަށް މިވަގުތު ގައުމުން ބޭރު ވެވޭކަށް ނެތެވެ. އިރާގުގެ ކޯޗު، ގްރަހަމް އާނޯލްޑް ވަނީ އެ މެޗުތައް ފަސްކުރަން ފީފާއަށްވެސް ގޮވާލައިފައެވެ. އޭނާ އެދުނީ ބޮލީވިއާއާއި ސުރިނާމް މެޗު މިހާރު އޮތް ތާރީހުގައި ކުޅެފައި، އަނެއް މެޗު ވޯލްޑް ކަޕާ ކައިރި ކޮށްފައި އެމެރިކާގައި ކުޅުމަށެވެ.

ގްރަހަމް ބުނީ އޭރުން އީރާނުގެ ނިންމުމަށްވެސް ގޮތެއް ނިންމައި، ކޮލިފިކޭޝަނަށް އިތުރު ބަދަލެއް ގެންނާން ޖެހުނަސް، ގެނެވޭނެ ކަމަށެވެ.

ކޮންމެއަކަސް ވޯލްޑް ކަޕަށް ޑްރާމާ ބޮޑުވެފައިވާ މި ހާލަތުގައި ފީފާއަށް ބަހެއް ބުވެނޭނެ ޖާގައެއް އަދި ނެތެވެ. އެމެރިކާއާއި މެކްސިކޯގައި އެތެރޭގެ ހަމަނުޖެހުމަކީވެސް ބިރެކެވެ. އެކަން އެހެން ހިނގަމުންދަނިކޮށް، މިހާރު މިއޮތީ އެމެރިކާއިން އިސްވެ، ހަނގުރާމައެއްވެސް ފަށައިފައެވެ. ދެން ވާނެ ގޮތަކަށް ދުނިޔެ އިންތިޒާރުކުރާ އިރު، މިއީ ފީފާއަށް ހާސްކަން ބޮޑު ދަނޑިވަޅެކެވެ.