ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުގައި ރެއާލް މެޑްރިޑާއި ޕީއެސްޖީގެ އިތުރުން ބޯޑޯ ގްލިމްޓުން ތަފާތު ބޮޑުކޮށް މޮޅުވި އިރު، އާސެނަލުން ބަޔާން ލެވަކޫސަންއާ އެއްވަރުވެއްޖެއެވެ.

ޗެލްސީން ރަށުން ބޭރުގައި ޕީއެސްޖީން ކައިރިން 5-2 އިން ބަލިވި އިރު، ރެއާލުން ސިޓީން ކައިރިން އަމިއްލަ ދަނޑުގައި މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އާސެނަލުން ރަށުން ބޭރުގައި ލެވަކޫސަންއާ 1-1 އިން އެއްވަރުވި އިރު، ތަފާތު ޖާދުވީ ދަތުރެއްގައި ގަދަ 16 އަށް ނުކުތް ބޯޑޯއިން ސްޕޯޓިން ބަލިކުރީ 3-0 އިންނެވެ. އެއީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުންނެވެ.

ޕީއެސްޖީއާއި ޗެލްސީ ވާދަކުރި މެޗު ޕީއެސްޖީން ވަރުގަދަކޮށް ފަށައި، ކުރިއަށް ޖެހި އެޓޭކްތައް ކުރިއެވެ. ބްރެޑްލީ ބާކޯލާގެ ނުރައްކާތެރި ދެ ހަމަލާއެއް ޗެލްސީގެ ގޯލް ބެލެހެއްޓި ފިލިޕް ޖޯގެންސަން މަތަކުރި އިރު، އަނެއްކޮޅުން ޖުއާއޯ ޕެޑްރޯއަށް ލިބުނު ފުރުސަތުގައި އޭނާއަށް ބޭނުމެއް ނުކުރެވުނެވެ.

އޭގެ އިރުކޮޅެއްފަހުން ބާކޯލާ ގޯލް ޖަހައި ލީޑު ނެގި އިރު، ޗެލްސީއަށް އެއްވަރު ކޮށްދިނީ ކައުންޓާއެއްގައި މާލޯ ގުސްޓޯއެވެ. ހާފު ނިމުމުގެ ކުރިން އުސްމާން ޑެމްބެލޭގެ ގޯލުން ޕީއެސްޖީ ދެވަނަ ފަހަރަށް ލީޑު ނެގި ނަމަވެސް، އެންޒޯ ފެނާންޑޭޒް ވަނީ ދެވަނަ ހާފުގައި ޗެލްސީއަށް އަނެއްކާވެސް އެއްވަރު ކޮށްދީފައެވެ.

މެޗުގައި ބަދަލަކަށް ނުކުތް ޕީއެސްޖީގެ ހަވީޗާ ކަވަރަޓްޝޭލިއާގެ ދެ ގޯލް ފެނުނު އިރު، އޭނާގެ ފުރަތަމަ ގޯލްގައި ޗެލްސީގެ ކީޕަރު ޖޯގެންސަންގެ ގޯހެއް ފެނިގެން ދިޔައެވެ. ޕީއެސްޖީގެ އަނެއް ގޯލް ޖެހީ ވިޓީނިއާއެވެ.

ސިޓީއަށް ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ލެގުގައި ރެއާލްގެ ތަރިއަކީ ފެޑެރީކޯ ވަލްވާޑޭއެވެ. އަނިޔާގެ މައްސަލަތައް ދިމާވެފައިވާ ރެއާލުން ކިލިއަން އެމްބާޕޭވެސް ނުލައި މެޗަށް ނުކުތް އިރު، ވަލްވާޑޭ ވަނީ ފުރަތަމަ ހާފުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ފުރަތަމަ ކޮޅުގައި ސިޓީ ޕްރެޝަރުކުރި ނަމަވެސް، އޮއިވަރާ ދެކޮޅަށް ވަލްވާޑޭ ރެއާލަށް ލީޑު ނަގައިދިން އިރު، ފުރަތަމަ ގޯލަށް ހަތް މިނެޓް ފަހުން އޭނާ ދެވަނަ ގޯލް ޖެހިއެވެ. އެއީ ވިނީޝިއަސް ޖޫނިއާގެ ޕާހެއް މިސްރާބު ގޯސްވެގެން ދިޔަ ވަގުތު ހޯދި ބޯޅައިގައި ޖެހި ގޯލެކެވެ.

ވަލްވާޑޭގެ ތިންވަނަ ގޯލަކީ ސިޓީގެ ޑިފެންޑަރެއް ބޯމަތިން ބޯޅަ ޖައްސާލުމަށްފަހު ގޯލަށް ފަސޭހަކަމާއެކު ބޯޅަ ނިންމާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އާސެނަލުން ރޭ ކުޅުނު މެޗުގައި އެއްވަރުކުރީ ފަހުވަގުތުއެވެ. އެމެޗުގައި ލެވަކޫސަންގެ ރޮބާޓް އެންޑްރިޗް ގޯލެއް ޖަހާފައި ވަނިކޮށް، 89 ވަނަ މިނެޓުގައި އާސެނަލަށް އެއްވަރުކޮށްދިނީ ކުރިން ލެވަކޫސަންއަށް ކުޅެ، އޭގެފަހުން ޗެލްސީއަށް ކުޅުމަށްފަހު އާސެނަލަށް ބަދަލުވި ކައި ހަވާޓްސްއެވެ.

ބޯޑޯއަށް ރޭގެ މެޗުގައި ގޯލްތައް ޖަހައިދިނީ ސޯންޑްރޭ ބްރަންސްޓަޑް ފެޓާއި އޮލެ ބްލޮމްބާގްގެ އިތުރުން ކެސްޕާ ވާޓްސް ހޮއިތެވެ.