މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް 2026 ގައި ކުޅެވޭނެ އެއްވެސް ހާލަތެއް މިވަގުތު އީރާނަށް ނެތް ކަމަށް އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު ޑޮންޔަމާލީ ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ވޯލްޑް ކަޕް ޖޫން މަހުގައި ފަށަން ތައްޔާރުވެފައިވާ އިރު، މުބާރާތް އޮންނާނީ އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައެވެ. އޭގެ ތެރެއިން އެމެރިކާއާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާތައް ދީ، މިހާތަނަށް ގިނަ ގެއްލުންތަކެއް އެގައުމަށް ދީފައިވެއެވެ.
އެމެރިކާއާއި އިޒްރޭލް އިސްވެގެން ފެށި ހަމަލާތަކުގެ ސަބަބުން ހަނގުރާމައެއް ފެށިފައިވާ އިރު، މީގެ ކުރިންވެސް އީރާނުން ވަނީ އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގައި ނުކުޅެން މަޝްވަރާ ކުރާ ކަމަށް ބުނެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ، އެމެރިކާގެ ހަމަލާތަކުގައި އީރާންގެ ކުރީގެ ރޫހީ ލީޑު، އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވުމެވެ.
އެކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުން ވޯލްޑް ކަޕްގައި ނުކުޅުނަސް އޭނާއަށް ހެޔޮ ކަމަށެވެ. އެހެން ނަމަވެސް އޭނާ ފަހުން ފީފާއަށް މައުލޫމާތު ދެއްވީ، އީރާނަށް މަރުހަބާ ކިޔާނެ ކަމަށާއި، މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެއެވެ.
ފީފާއިން ދާދިފަހުން ބުނީ ވޯލްޑް ކަޕަކީ ހަނގުރާމައިގެ ސަބަބުންވެސް ފަސްކުރެވޭ ވަރަށްވުރެ ބޮޑު މުބާރާތެއް ކަމަށާއި، ތާވަލުކުރެވިފައިވާ ތާރީހުގައި މުބާރާތް އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް، އީރާނުން ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުން ހާލަތަށް ބަދަލެއް އައިސްދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އީރާންގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ އެމެރިކާގެ ކޮރަޕްޓް ވެރިކަމުން އެގައުމުގެ ރޫހީ ލީޑަރު ޝަހީދުކޮށްލުމުގެ އިތުރުން މިދިޔަ ނުވަ ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެގައުމާ ދެކޮޅަށް ދެ ހަނގުރާމައެއް ފަށާފައިވާ ކަމަށެވެ. އޭގެ ސަބަބުން އެތައް ކުޑަ ކުދިންނަކީ އާންމު ރައްޔިތުން ނުރައްކަލަށް ވެއްޓި، ދުނިވެސް ދޫކުރަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ ހާލަތުގައި އީރާންގެ ފުޓުބޯޅަ ޓީމުން އެމެރިކާގައި ބާއްވާ ވޯލްޑް ކަޕެއްގައި ކުޅޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނަކީ މިއަހަރުގެ ވޯލްޑް ކަޕަށް އެންމެ ކުރިން ކޮލިފައިވި ޓީމެވެ. އެޓީމު ހިމެނެނީ ގްރޫޕް ޖީގައެވެ. އެއީ ބެލްޖިއަމް، މިސްރު އަދި ނިއު ޒީލެންޑާ އެކުގައެވެ. އެ ގްރޫޕްގެ ހުރިހާ މެޗެއްވެސް ކުޅެން ނިންމާފައި އޮތީ އެމެރިކާގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026