ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު އަދި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ދިހަވަނަ ދުވަހުއެވެ.

ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ރީ-ރަޖިސްޓާ ވާން ހުޅުވާލީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ރީރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

އީސީން ރޭ ވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާންމު ކޮށްފައެވެ.

އެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި ފެންނަން ހުންނާނެއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ނިންމެވީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.