އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީން ވާދަކުރަން ޖެހިއްޖެއެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް ޓީމުތައް ރޭ ޔަގީންވެފައިވާ އިރު، އެންމެފަހު ޖާގަ ހޯދީ ވެސްޓް ހެމްއިންނެވެ. އެއީ ރޭ ބްރެންޓްފޯޑު ކައިރިން ޕެނަލްޓީގައި 5-3 އިން މޮޅުވެގެންނެވެ. ވެސްޓް ހެމްއިން ކުއާޓާގައި ވާދަކުރަން ޖެހުނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.

އިނގިރޭސި އެފްއޭ ކަޕް ރެކޯޑު 14 ފަހަރަށް ކާމިޔާބުކޮށްފައިވާ އާސެނަލުން ކުއާޓާގައި ވާދަކުރަން ޖެހުނީ ސައުތުހެމްޓަންއާ ދެކޮޅަށެވެ. ސައުތުހެމްޓަންއަކީ މިވަގުތު ދެވަނަ ޑިވިޝަނުގެ އަށްވަނައިގައި އޮތް ޓީމެވެ.

އެފްއޭ ކަޕްގެ ކުއާޓާ އޮތް އެންމެ ދަށް ރޭންކްގެ ޓީމަކީ ޕޯޓް ވޭލްއެވެ. އެޓީމުން ތިންވަނަ ޑިވިޝަނުގައި ކުޅެންދާ އިރު، ކުއާޓާގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. މިފަހަރުގެ މެޗު ވެގެންދާނީ 1929 ވަނަ އަހަރަށްފަހު ޕޯޓް ވޭލްއިން ޗެލްސީއާ ދެކޮޅަށް ނުކުންނަ ފުރަތަމަ މެޗަށެވެ. ޕޯޓް ވޭލްއިން އެފްއޭ ކަޕްގެ ކުއާޓާއަށް ގޮސްފައި ވަނީ އެ ކްލަބުގެ ތާރީހުގައި ދެވަނަ ފަހަރަށެވެ.

އެންމެ ވަރުގަދަ މެޗެއްގެ ގޮތުގައި ކުއާޓާއިން ފެންނަނީ ސިޓީއާއި ލިވަޕޫލްގެ މެޗެވެ. ލިވަޕޫލުން 2022 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރި އިރު، އެފަހަރު ފައިނަލުގައި ލިވަޕޫލް މޮޅުވީ ޗެލްސީ ކައިރިންނެވެ. ސިޓީން އެންމެފަހުން އެފް ކަޕް ހޯދީ 2023 ވަނަ އަހަރުއެވެ.