ގައުމީ ސަލާމް ކިޔަން ދެކޮޅު ހެދުމުން، އީރާންގެ އަންހެން ފުޓުބޯޅަ ޓީމަށް ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅުގައި އޮސްޓްރޭލިއާއިން ފަސް ކުޅުންތެރިޔަކަށް ހިމާޔަތްދީ، ވިސާ ހަމަޖައްސައިދީފިއެވެ.

އީރާނަށް އެމެރިކާއާއި އިޒްރޭލުން އިސްވެ ހަމަލާދީ، އެ ގައުމުގެ ރޫހީ ލީޑަރު، އާޔަތުﷲ އަލީ ހާމަނާއީ ޝަހީދުކޮށްލައި، އެތައް ގެއްލުމެއް ދީފައިވެއެވެ. އެ ހަމަލާތައް ދިނުމުން އީރާނުން އަމިއްލަ ދިފާއުގައި އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް ހަމަލާ ދެމުން އަންނަ އިރު، އެ ހަނގުރާމަ މިހާރު ވަނީ ނުރައްކާތެރި ހާލަތަކަށް ގޮސްފައެވެ.

ގައުމު އެ ހާލަތުގައި އޮއްވައި، އީރާނުގެ އަންހެން ފުޓުބޯޅަ ޓީމު އޮސްޓްރޭލިއާގައި ތިބީ އަންހެން އޭޝިއަން ކަޕް ކުޅުމަށެވެ. ގްރޫޕް ސްޓޭޖުގައި ދެކުނު ކޮރެެއާއާ ދެކޮޅަށް ފުރަތަމަ މެޗުގައި ނުކުތްއިރު އިރާން ނާޒުކު ހާލަތެއްގައި އޮތް ނަމަވެސް، އަންހެން ޓީމުން ގައުމީ ސަލާމް ބޮއިކޮޓް ކުރިއެވެ. އެހެން ނަމަވެސް، ދެވަނަ މެޗުގައި ސެލިއުޓް ނަގައި، ގައުމީ ސަލާމް ކިޔާފައިވެއެވެ. އެއީ އެ ގައުމުގެ ރައްޔިތުންނާއި މީޑިއާއިން ފާޑު ކިޔުމުންނެވެ.

އީރާންގެ ގިނަ މީޑިއާތަކެއްގެ އިތުރުން ގިނަ ބަޔަކު ބުނެފައި ވަނީ އަންހެން ގައުމީ ޓީމުން ގައުމަށް ގައްދާރުވި ކަމަށެވެ. ޓީވީތަކުން އެހެން ސިފަކޮށްފައިވުމާއެކު ޓީމު އެނބުރި އީރާނަށް ދިޔުން އެއީ ރައްކާތެރި ގޮތެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފިފްޕްރޯއިންވެސް ފާހަގަކޮށްފައިވެއެވެ.

ޓްރަމްޕް އިއްޔެ ވިދާޅުވީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަބަނީސޭއަށް ފޯނުން ގުޅުއްވައި، ހައްލު ހޯއްދަވާނެ ކަމަށެވެ. އެކަމުގައި އޮސްޓްރޭލިއާ ސަރުކާރަށް ސީދާ އެހީއަށް އެދުނީ ޓީމު ތެރެއިން ވަކިން ފިލައިގެން ސަރުކާރާ ބައްދަލުކުރި ފަސް ކުޅުންތެރިއެކެވެ. އެ ކުޅުންތެރިންނަށް ހިމާޔަތްދީ ހިއުމެނިޓޭރިއަން ވިސާ ހަމަޖެއްސުމަށްފަހު ބޮޑުވަޒީރު ވިދާޅުވީ އެހެން ކުޅުންތެރިންނާއި އޮފިޝަލުންނަށްވެސް ހިމާޔަތްދޭން ތައްޔާރު ކަމަށެވެ.