ރޭ ކުޅުނު ޓީ20 ވޯލްޑް ކަޕް ފައިނަލް ކާމިޔާބުކޮށް، އިންޑިއާއިން ދުނިޔޭގެ ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް، އިންޑިއާގެ އަހުމަދުއާބާދުގެ ނަރެންދްރާ މޯދީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި އިންޑިއާއިން ނިއު ޒީލެންޑް ބަލިކުރީ 96 ލަނޑުންނެވެ.
އިންޑިއާއަކީ ޓީ20 ވޯލްޑް ކަޕްގެ ތަށި ދިފާއުކުރި ފުރަތަމަ ޓީމެވެ. އޭގެ އިތުރުން އިންޑިއާއިން ވަނީ އެންމެފަހުން ބޭއްވި ވައިޓް-ބޯލް ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައިވެސް ނިއު ޒީލެންޑުން އިންޑިއާ ކައިރިން ބަލިވެފައިވާ އިރު، ނިއު ޒީލެންޑުން ވަނީ މިހާތަނަށް 2015، 2019 އަދި 2021 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުންވެސް ބަލިވެފައެވެ.
ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ހޮވަން ނިންމާފައިވާ އިރު، އިންޑިއާއިން ކުޅެން އަރައި ތަފާތު ދެއްކިއެވެ. އެންމެ ފުރަތަމަ ކުޅެން ނުކުތް ސަންޖޫ ސެމްސަންއާއި އަބީޝޭކް ޝަރްމާއާއި އިޝާން ކިޝާންވެސް ތަފާތު ދެއްކިއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސެމްސަން ވަނީ ރޭގެ ފައިނަލުގައިވެސް 46 ބޯޅައިން 89 ލަނޑު ހަދައިފައެވެ. އަބީޝޭކް ޝަރުމާ 21 ބޯޅައިން 52 ލަނޑު ހެދި އިރު، ކިޝާން ވަނީ 25 ބޯޅައިން 54 ލަނޑު ހަދައިފައެވެ.
އިންޑިއާއިން 20 އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 255 ލަނޑު ހެދިއެވެ. ބަދަލުގައި ކުޅެން އަރައި ނިއު ޒީލެންޑަށް 19 އޯވަރުން ހެދުނީ 159 ލަނޑެވެ.
އިންޑިއާގެ ޖަސްޕްރިޓް ބުމްރާ ތަފާތު ދެއްކި އިރު، އޭނާ ހަތަރު ވިކެޓް ނެގިއެވެ. ނިއު ޒީލެންޑްގެ ޓިމް ސީފާޓް 26 ބޯޅައިން 52 ލަނޑު ހެދި އިރު، އެއީ އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިޔާއެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް