އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ޗެލްސީއާއި މެންޗެސްޓާ ސިޓީގެ އިތުރުން އާސެނަލުން ކުޅުނު މެޗުތައް ކާމިޔާބުކޮށް، ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

އާސެނަލުން އިއްޔެ ފަސްވަނަ ބުރުގައި ނުކުތީ ތިންވަނަ ޑިވިޝަނުގެ މެންސްފީލްޑާ ދެކޮޅަށެވެ. އެމެޗު ވެގެންދިޔައީ ޗެލެންޖިން މެޗަކަށެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލުން ރަށުން ބޭރުގައި މެންސްފީލްޑް ބަލިކުރީ 2-1 އިންނެވެ.

ބަދަލުތަކާއެކު ނުކުތް އާސެނަލަށް ދެ އަނިޔާއަކާ ކުރިމަތިލާން ޖެހުނު އިރު، ފުރަތަމަ ހާފުގައި ލިއާންޑްރޯ ޓްރޮސާޑަށް އަނިޔާވެ ބާލަން ޖެހުނެވެ. އަދި އޭގެފަހުން ރިކާޑޯ ކަލަފިއޯރީއަށްވެސް އަނިޔާވެފައިވެއެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް އާސެނަލްގެ ނޮނީ މަޑުއޭކޭ ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ވިލް އެވަންސް ވަނީ މެންސްފީލްޑަށް އެއްވަރު ކޮށްދީފައެވެ. ދެވަނަ ހާފުގައި އާސެނަލުން އަލުން ލީޑު ނެގީ އެބެރެޗޭ އެޒޭ ޖެހި ގޯލުންނެވެ.

ޗެލްސީން ދެވަނަ ޑިވިޝަނުގެ ވްރެކްސްހެމް ކައިރިން 4-2 އިން މޮޅުވީ އިތުރު ވަގުތަށް ގޮސްގެންނެވެ. ރަށުން ބޭރުގައި ޗެލްސީން ކުޅުނު މެޗަށް އެޓީމުންވެސް ނުކުތީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްގެންނެވެ.

ސޭމް ސްމިތު ޖެހި ގޯލުން ވްރެކްސްހެމް ލީޑު ނެގި އިރު، ޗެލްސީ އެއްވަރުކުރީ އާތޫރު އޮކޮންކްވޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެފަހުން ދެވަނަ ހާފުގައިވެސް ކަލުމް ޑޮއެލް އަނެއްކާވެސް ވްރެކްސްހެމްއަށް ގޯލް ޖަހައިދިން އިރު، ޖޯޝް އަޗެމްޕޮންގް ވަނީ މެޗު އެއްވަރު ކޮށްދީފައެވެ.

އިތުރު ވަގުތުގައި ވްރެކްސްހެމްގެ ޖޯޖު ޑޮބްސޮންއަށް ރަތް ކާޑު ދެއްކި އިރު، އިތުރު ވަގުތުގައި ޗެލްސީގެ ގޯލްތައް ޖަހައިދިނީ އެލެހާންޑްރޯ ގާނާޗޯއާއި ޖުއާއޮ ޕްޑްރޯއެވެ.

ސިޓީން ނިއުކާސަލްއާ ވާދަކޮށް މޮޅުވި އިރު، އެޓީމުން ނިއުކާސަލް ދަނޑުގައި މޮޅުވީ 3-1 އިންނެވެ. ހާވީ ބާންސް ގޯލެއް ޖަހާފައި ވަނިކޮށް، ސިޓީން ފަހަތުން އަރައި މޮޅުވީ ސަވީނިއޯއާއި އޮމަރް މަރްމޫޝްގެ ގޯލްތަކުންނެވެ. މަރްމޫޝް ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.