އިންޑިއާއިން ރަޝިޔާ ތެޔޮ ގަތުމުގެ ވަގުތީ ހުއްދައެއް އެމެރިކާއިން ދީފިއެވެ.

އެމެރިކާގެ ސަރުކާރުން އިއްޔެ ވަނީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން އިންޑިއާއިން ރަޝިޔާ ތެޔޮ ގަތުން މަނާކޮށްފައި އޮތް އޮތުން ވަގުތީގޮތުން މަޑުޖައްސާލައި އިންޑިއާއިން ތެޔޮ ގަތުމުގެ ހުއްދައެއް ދީފައެެވެ.

އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ރަޝިޔާއިން ތެޔޮ އެެހެން ގައުމުތަކަށް ދޫކޮށްފައި އޮތް ހުއްދަ އަލުން ދިނުމަށް ވަނީ ނިންމައިފައެވެ. އެގޮތުން އިންޑިއާގެ ތެޔޮ ބޯޓުތަކަށް ރަޝިޔާ ތެޔޮ ބަރުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ދާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ރަޝިޔާއާއި ޔޫކްރޭނުގެ ހަނގުރާމައިގެ ސަބަބުން އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުގެ ތެރޭގައި ރަޝިޔާއިން ތެޔޮ ގަަންނަ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުގެ ޓެރިފް ބޮޑުކުރުން ހިމެނެއެވެ. އެގޮތުން އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކުރުމާއެކު އިންޑިއާއިން ވަނީ ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލައިފައެވެ.

އެމެރިކާއިން އިންޑިއާއަށް ލުއިދީފައިވާ އިރު، އެމެރިކާއާއި އިސްރާއީލުން އިސްނަގައިގެން އިރާނަށް ދިން ހަމަލާއަށްފަހު އިރާނުން މެދުއިރުމަތީގައި އެމެރިކާ ބޭސްތައް ހުންނަ ހުރިހާ ގައުމުތަކަށް ހަމަލާދިނުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ އެކަމުގެ ސީދާ އަސަރުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ ތެލުގެ މައި އެއް މަގު އިރާނުން ބަންދުކޮށް، މެދުއިރުމަތިން ތެޔޮ ބޭރު ނުކުރެވޭނެގޮތަށް ވަނީ ހަދައިފައެވެ. އެއާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ތެޔޮ ލިބުން މަދުވެ ތެލުގެ އަގު ވަނީ ބޮޑުވެފައެވެ.