ސަރުކާރާއެކު ކުރިއަށް ގެންދެވުނު މަޝްވަރާތަކަކަށްފަހު، 2017 ވަނަ އަހަރު ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެޗްޑީސީ މެދުވެރިވެގެން، 230،000 އަކަފޫޓުގެ ބިމެއް ހުޅުމާލޭން ދީފައިވެއެވެ. އެއީ 25 އަހަރު ދުވަހުގެ މުއްދަތަށެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ފުޓުބޯޅަ ތަމްރީނު ފެސިލިޓީއެއް ގާއިމުކުރުމަށެވެ. އެ ޕްލޭން އެފްއޭއެމް ދައްކާލިވެސް މެއެވެ. ޕްލޭން ބަލަން ތިބި މީހުނަށް ސިފަކުރެވުނީ އެތައް ޖީލެއްގެ ކުރިމަގު ނަމަވެސް، އެ ބިން ކޮށައިމަށައި، ބަހާލައިފިއެވެ. ވީ ގެއްލުމުން އެފްއޭއެމް އޮތީ އަރައިވެސް ނުގަނެވޭ ހިސާބުގައެވެ.
މީގެ ކުރިންވެސް ފުޓުބޯޅަ ސްކޫލްގެ ކޮރަޕްޝަންގެ ވާހަކަތައް އެތައް ފަހަރަކު ތަކުރާރުވެއްޖެއެވެ. ވަގު އެގްރީމެންޓްތަކާއި ބޮޑެތި ކަޓުތަކުގެ ވާހަކަ ތިލަކުރެވިއްޖެއެވެ. އޮޑިޓް އޮފީހުން ނެރުނު "މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ 2018 އިން 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް" ގައިވެސް އެ ވާހަކަތައް ތަފްސީލުކޮށް އެބަހުއްޓެވެ. އޮޑިޓް އޮފީހުން އިއްޔެ އަނެއްކާވެސް ވަނީ ފުޓުބޯޅަ ސްކޫލްގެ ހާއްސަ އޮޑިޓްގެ މައުލޫމާތު ތިލަކޮށް، އާންމުކޮށްފައެވެ. އޭގައި އޮތީ އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުމުގެ ވާހަކައެވެ. 29.6 މިލިއަން ރުފިޔާ ވީނުވީއެއް ނޭނގި ގެއްލުނު އިރު، 500 މިލިއަނެއްހާ ރުފިޔާގެ ގެއްލުންވެސް ފެނެއެވެ. އެއްބަސްވުން ބަދަލުކޮށް ހިންގާފައިވާ ޖަރިމާތަކުން ފެންނަނީ އިންތިހާ ދަރަޖައިގެ ޚިޔާނާތެވެ. ދަނޑު އަޅާނެ ޖާގަވެސް އެތަނުގައެއް ނެތެވެ.
އެއްބަސްވުމަށް ގެނައި ކޮމާޝަލް ބަދަލު: ފަހުން ކުއްޔެއް ނުދައްކާ
ފުޓުބޯޅަ ސްކޫލެއް އަޅަން އެޗްޑީސީން ފުރަތަމަ ބިން ދިނީ ކުލި ނުދައްކާ ގޮތަށެވެ. އެހެން ނަމަވެސް އެފްއޭއެމްއިން ބޭނުންވެގެން، 2022 ވަނަ އަހަރު އެއްބަސްވުން ބަދަލުކުރިއެވެ. އޭގެ ތެރެއިން އެއް ބަދަލަކީ އެ ބިމުގައި މީހުން ދިރިނޫޅެވޭނެ ކަމަށް އޮތް އޮތުން ބަދަލުކުރުމާއި ސިނާއީ ބޭނުންތަކަށް ބިން ބޭނުން ކުރެވޭ ގޮތް ހެދުމެވެ. ކުރިން އެ ބިމުގައި ވިޔަފާރި ނުހިންގޭނެ ކަމަށް އޮތް ނަމަވެސް ފަހުން ވަނީ އެތައް ވިޔަފާރިއެއް ވެސް ހުއްދަ ކޮށްފައެވެ. އެހެން ނަމަވެސް ކެފޭ، ރެސްޓޯރަންޓް، ކޮންވީނިއަންސް ސްޓޯރު، އޮފީސް ހިންގާނެ ޖާގަ، ސްވެނިއާ ހޯމް ނޫން އެހެން ބޭނުމެއް ކުރާނަމަ، އެޗްޑީސީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށެވެ. ފަހުން އެކަމަށް ބެލިމެއްނެތި ބިމަށް ހެދީ ބޭނުން ގޮތެކެވެ. ގުދަންތައް އަޅަންވެސް އެޗްޑީސީގެ ނޯ އޮބްޖެކްޝަން ނުހޯދައި، ސަބްލީސް ކޮށްފައިވެއެވެ.
އިމާރާތް މައްޗަށް ނެގޭނެ މިންވަރުވެސް ފަހުން 2022 ގައި ބަދަލުކޮށް، އެއްބަސްވުން 40 އަހަރަށް އިތުރުކޮށް، އަކަފޫޓަކަށް 10 ރުފިޔާގެ މަގުން ކޮންމެ މަހަކު ކުލި ދައްކަން ވެސް އެފްއޭއެމްއިން އެއްބަސްވެފައި ވެއެވެ. އެއީ މަހަކު 283،282،30 ރުފިޔާއެވެ. މިދިޔަ އެއްވެސް އަހަރަކު އެކަން ކޮށްފައެއް ނެތެވެ. އެހެންކަމުން މިހާރު އެފްއޭއެމް އޮތީ އެޗްޑީސީއަށް 10 މިލިއަނެއްހާ ރުފިޔާއިން ދަރައިފައެވެ.
29 މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގެ، ފައިސާ މާރުކުރުމުގެ ނަމުގައިވެސް 14.07 މިލިއަންގެ ވައްކަން
ފުޓުބޯޅަ ސްކޫލްގެ ބިމުން ފައިދާ ހޯދުމުގެ ނަމުގައި 15 ސަބްލީސް އެގްރީމެންޓެއް ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އެ 15 އެއްބަސްވުންތަކުންވެސް ފާހަގަވީ، ބިންތައް ބަހާލާފައި އޮތް ގޮތެވެ. އެއްބަސްވުންތައް ހުރީ ނުއަގުގައެވެ. ކުލީގެ ގޮތުގައި ފައިދާއެއް ހޯދަން ހަދާފައިވާ އެއްބަސްވުންތަކަކަށްވުރެ ބޮޑަށް، އެއީ ވަގު އެއްބަސްވުންތަކެއްކަން ސާފުވެއެވެ. ބިންތަކަށް ކުލި ނަގާފައި ވަނީވެސް ގަނޑުކޮށެވެ.
ފުޓުބޯޅަ ސްކޫލްގެ ބިމުން 13 ސްލޮޓެއް ކުއްޔަށް ދޫކުރަން ނިންމައި، ދެން ނިންމާފައި އޮތީ އެތަނުގައި ކުރެވިފައިވާ ހަމައެކަނި މަސައްކަތުގެ ތެރޭގައި ހިމެނޭ އެކޮމޮޑޭޝަން ބްލޮކްގެ ތިން ބުރި ކުއްޔަށް ދޫކުރުމަށެވެ. އެކަމަށް ޖުމުލަ 15 އެއްބަސްވުމެއް ހަދާފައިވެއެވެ. 2021 އިން 2025 ގެ ނިޔަލަށް އެ އެއްބަސްވުންތަކުން 56.1 މިލިއަން އެފްއޭއެމްއަށް ކުލީގެ ގޮތުގައި ލިބުނު އިރު، 29.6 މިލިއަން ރުފިޔާ ވަނީ އެފްއޭއެމްގެ އެއްވެސް ކަމަކަށް ބޭނުން ނުކުރެވި ގެއްލިފައިވެއެވެ.
އެގްރީމެޓް ހަދާފައިވާ ފަސް ފަރާތަކުން ނަގުދު ފައިސާއިންނާއި ޗެކުން ދެއްކި ފައިސާގެ ތެރެއިން 14 މިލިއަން އޭގެ ތެރޭގައި ހިމެނެއެވެ. އެ ފައިސާ ބަލައިގެންފައި ވަނީ އެފްއޭއެމްގެ އިސް ބައެއް ވެރިންނެވެ. ދެން ހިމެނޭ 14 ވަރަކަށް މިލިއަނަކީ އެފްއޭއެމް ބޭންކް އެކައުންޓްތަކުން އަމިއްލަ ފަރާތްތަކަށް ޖަމާކޮށްގެން ވީ ނުވީއެއް ނޭނގިވާ ފައިސާއެވެ. އެ ފައިސާ ލިބުނު ކަމަށް ސޮއިކޮށްފައި ވަނީ އޭރު އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލާއި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒްގެ އިތުރުން ޑިރެކްޓާ އޮފް ފައިނޭންސެވެ. އޭރު ޑިރެކްޓާ އޮފް ފައިނޭންސަކީ މުހައްމަދު އަގީލެވެ.
އަމިއްލަ ފަރާތްތަކަށް ފޮނުވި ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ، ބޭރު ފައިސާ ގަނެ ވިއްކާ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ޖަމާކޮށްފައިވާ އިރު، އެ ފައިސާ ޖަމާކޮށްފައި ވަނީ 13 ޓްރާންސެކްޝަނަކުންނެވެ. އެ ހިދުމަތުގެ އެއްވެސް ލިޔެކިޔުމެއް އެފްއޭއެމްއިން ފެންނާން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އެ ފައިސާއަކީ ކުލި ކަމަށް އޮޑިޓުން ނިންމާފައި ވަނީ ތާރީހަށް ބަލައިގެން ކަމަށްވީ އިރު، އެ ފައިސާގެ ދިވެހި ރުފިޔާއަށް ވީގޮތެއް ފެންނާކަށް ނެތެވެ. އަނބުރާ އެފްއޭއެމްއަށް ޖަމާކޮށްފައެއްވެސް ނުވެއެވެ.
އޭގެ ތެރެއިން ލިބި، އެފްއޭއެމްއަށް ވަދެފައިވާ ފައިސާއިންވެސް އެފްއޭއެމްގެ ފައިނޭންޝަލް ޑިރެކްޓަރު އަގީލާއި އަމިއްލަ ހަތް މީހަކަށް އަދި ފަސް ކުންފުންޏަކަށް ޖަމާކޮށްފައިވެއެވެ. އެއިން އެއްވެސް ފައިސާއެއްގެ ބޭނުން އެނގެން ނެތް ކަމަށް އޮޑިޓްގައިވެއެވެ. އެއީ ފަސް ވަރަކަށް މިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނޭ ފަސް ކުންފުންޏަކީ ރައިޓް އާރް ޕްރައިވެޓް ލިމިޓެޑް، އިންޓަސްޓެމާ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، އަވޭވާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ޓެކްމާހް ޕްރައިވެޓް ލިމިޓެޑް، އަޓަރަކްސިއާ ޕްރައިވެޓް ލިމިޓެޑެވެ. އެއީ އަމިއްލަ ވިޔަފާރީގެ މުއާލާތްތައް ކަމަށް ބެލުމަށް ޖާގަ އެބައޮތެވެ.
ބިންތަކުގެ އަގު ނަހަމަ ގޮތުގައި، ގެއްލުމަކީ ނުއުފުލޭ ވަރުގެ ބުރައެއް
ފުޓުބޯޅަ ސްކޫލްގެ ތެރެއިން ހަދާފައިވާ އެއްބަސްވުންތަކަކީ ގެއްލުން ބޮޑު، އެތައް ބަޔަކަށް މާލީ މަންފާ ލިބޭނެ ކަހަލަ ގޮތްގޮތަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަވީ، އެއްބަސްވުންތައް ހަދާފައި ހުރީ ގަނޑުކޮށް އަވަހަށް ފައިސާ ނަގަން ރާވައިގެން ކަމަށްވުމެވެ. އޭގެ ސަބަބުން ދިގު މުއްދަތެއްގައި ލިބެން އޮތް ފައިސާ މާ ބޮޑަށްވެސް ކުޑަވެ، ޖުމުލަ އާމްދަނީ ކުޑަވިއެވެ. ފުރަތަމަ 2022 ވަނަ އަހަރު ހެދި އެއްބަސްވުންތައް ހުރި ގޮތަށް، ސައްހަ ގޮތެއްގައި ކުރިއަށް ގެންދިޔަނަމަ، އެ ބިމުގައި ފުޓުބޯޅަ ސްކޫލެއް އެޅުމަށްފަހުވެސް 590.60 މިލިއަން ރުފިޔާގެ ފައިސާ ހޯދެން އޮތް ކަމަށް އޮޑިޓްގެ އަންދާޒާތަކުން ހާމަވެއެވެ.
އެއީ ހުޅުމާލޭގެ ފޭސް އެކަކުން ކޮމާޝަލް ބޭނުންތަކަށް 2017 އިން 2024 އާ ދެމެދު އެޗްޑީސީން ބިން ދޫކޮށްފައިވާ އެވްރެޖް އަގަކީ އަކަ ފޫޓަކަށް 20.23 ރުފިޔާ ކަމަށްވާތީއެވެ. އެއީ ސީއެސްއާރް ކޮމްޕޮނަންޓް ނުހިމަނައެވެ. އެފްއޭއަށް ދީފައިވާ ބިން، 2022 ވަނަ އަހަރު އެއްބަސްވުމަށް ބަދަލު ގެނައީ ސީއެސްއާރްގެ ދަށުން ޕާކެއް އަޅަން ހިމަނައިގެންނެވެ.
އެފްއޭއެމްއިން ބިންތައް ކުއްޔަށް ދީފައިވަނީ ވަގުތީ ފައިސާކޮޅެއް ހޯދަން އެވްރެޖުކޮށް އަކަފޫޓަކަށް 2.91 ރުފިޔާ ޖެހޭނެ ގޮތަކަށެވެ. ބައެއް ބިންތައް 40 އަހަރަށް އެއްބަސްވުން ހަދައި، 0.6 ރުފިޔާ އަކަފޫޓަކަށް ޖެހޭނެ ގޮތަށް ބިން ދޫކޮށްފައިވެއެވެ. އެ ބިންތައް އެއްފަހަރާ ފައިސާ ނަގާ އުސޫލުން ދިން ނަމަވެސް، 146 މިލިއަން ރުފިޔާގެ ފައިސާ ހޯދެން އޮތް ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ. އެހެންކަމުން އެއީ ބޮޑު ޚިޔާނާތެކެވެ. އެތައް އެތައް މިލިއަނެއްގެ ގެއްލުމެކެވެ. ފުޓުބޯޅައިގެ ތަރައްގީއަށް ކުރެވެން އޮތް ހަރަދެއް، ވިއްސިވިހާލި ކޮށްލީއެވެ.
އޭގެ އިތުރުންވެސް އެއްބަސްވުންތަކަށް ބަދަލު ގެނެސް، އެތައް ސަކަރާތެއް އެފްއޭއެމްގެ އެއިރުގެ ވެރިން ޖަހާފައިވެއެވެ. އެމްއެޗްއާރް ޓްރޭޑިއަން ޕްރައިވެޓް ލިމިޓެޑާއި ޗޮކްލެޓް ބްރަދާން ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ބިންތަކުގެ އެއްބަސްވުންތައް ބަދަލުކޮށްގެން އެފްއޭއެމްއަށް 6.63 ރުފިޔާ ގެއްލުންވެފައިވާ އިރު، ކުރީންވެސް މަޝްހޫރުވެގެން ދިޔަ އެޕޯލޯ ހޯލްޑިންގްސްގެ ސެޓްލްމަންޓް އެއްބަސްވުމުގެ ގެއްލުންވެސް ހިމެނެއެވެ. މާފަންނު ސްޓޭޑިއަމްގެ ބޮޑު ވައްކަމުގެ ތެރެއިން އެޕޯލޯއަށް ހުޅުމާލޭން ބިން ދީގެން ހަމަޖައްސާލި ޖައްސާލުމުންވީ ގެއްލުމާއެކު އެ ބިން ލިލީ އެންޓަޕްރައިސަސްއަށް ދިނުމަށް ހެދި އެއްބަސްވުމާއެކު އިތުރަށް 7.80 މިލިއަން ރުފިޔާ ގެއްލުންވެފައިވެއެވެ.
މާފަންނު ސްޓޭޑިއަމް މަސައްކަތަށް ޓިބާރޯއަށް ފައިސާ ދިން ނަމަވެސް، އެ ކުންފުނިން އެ މަސައްކަތް ސަބްކޮށް، އެޕޯލޯއާ ހަވާލުކުރުމަށްފަހު، އިމާރާތް އެޅުމުގެ ފައިސާ ޓިބާރޯއިން ނުދީ އެފްއޭއެމްއިން ހުޅުމާލެ ފުޓުބޯޅަ ސްކޫލުން ބިން ދިން އިރު، އެއީ 2022 ވަނަ އަހަރު އެޕޯލޯގެ ހިއްސާދާރަކާ ވި އެއްބަސްވުމެކެވެ. އެ އެއްބަސްވުން ފަހުން 2023 ވަނަ އަހަރުފަހުކޮޅު އަނެއްކާ ލިލީއަށް ބަދަލުކުރަން ޖެހުނެވެ.
އޭގެ އިތުރުން ބްލޮކް އެފް ކަމަށްވާ 5،007 އަކަފޫޓުގެ ބިމެއް އެޗްޓޫއޯ މޯލްޑިވްސްއަށް ފުރަތަމަ ސަބްލީސް ކޮށްފައި ވަނީ 1.5 މިލިއަން ރުފިޔާ ގަނޑުކޮށް ދައްކާ ގޮތަށެވެ. އެ ފައިސާ އެޗްޓޫއޯއިން ދައްކާފައި ނުވާ އިރު، ހަމަ އެ ބިން ސްކައިލޭން ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށްވެސް ލީސް ކޮށްފައިވެއެވެ. އެއީ ކުރިން ހެދި އެއްބަސްވުން އުވައިވެސް ނުލައެވެ. ފަހުން އެ ސްލޮޓް ނެގި ކުންފުނިން 10،000 ރުފިޔާ އެ އެއްބަސްވުމަށް ދައްކާފައިވެއެވެ.
ހަމައެއާއެކު އަވޭވާ ކޮންސްޓްރަކްޝަނަށް ދީފައި އޮތް 13،219 އަކަފޫޓުގެ ބިމުން، ޓްރައިޕާޓައިޓް ނޮވޭޝަން އެއްބަސްވުމެއް ހަދައި، 3،000 އަކަފޫޓުގެ ބިމެއް އަމިއްލަ ފަރާތަކަށް އަނެއްކާ ކުއްޔަށް ދީފައިވެއެވެ. އެ އެއްބަސްވުން ހެދިއިރު ބިމުގެ ސައިޒް 16،000 އަކަފޫޓަށް ބޮޑުކޮށްފައިވާ އިރު، ސައިޒުން ބޮޑުކޮށްފައިވާ 2781 އަކަފޫޓުގެ އެ ބަޔަކީ ނާޖާއިޒު ފައިދާ ހޯދޭނެ ބިމެއް ކަމަށް އޮޑިޓް އޮފީހުން ބަލާފައިވެއެވެ.
އެފްއޭއެމްއިން އެއްބަސްވުންތައް ހެދުމުގައި މައި އެގްރީމެންޓަށް ސަމާލުކަން ނުދީ، ސަބް ލީސް އެއްބަސްވުންތަކުގައި އެޗްޑީސީގެ އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަން ފާހަގަކޮށްފައެއް ނުވެއެވެ. އެހެންކަމުން އެއްބަސްވުންތައް ބާތިލުކުރަންވެސް އޮތީ އުނދަގޫ މަގެކެވެ. ގެއްލުން އިންތިހާއެވެ. ބައެއް އެއްބަސްވުންތަކުގައި އަގީލް ސޮއިކޮށްފައިވާ އިރު، އެއީ ސޮއިކުރެވޭނެ ފަރާތެއްވެސް ނޫނެވެ.
ބަދަލުގެ ދަންތުރައެއް: އިގުތިސޯދީ ގޮތުން ދެކޮޅެއް ނުޖެހޭ
އެފްއޭއެމްއާއި އެޗްޑީސީން އެއްބަސްވެފައިވާ އެއްބަސްވުމުގައި އޮތް ގޮތުން، ބިންތައް ސަބްލީސް ކުރުމުގެ ކުރިން އެޗްޑީސީގެ ނޯ އޮބްޖެކްޝަން ސިޓީއެއް ބޭނުންވާ ނަމަވެސް، އެކަން އެގޮތަށް ކުރީ އެންމެ ހަތަރު ފަރާތަކާއެކުގައެވެ. ދެން 11 ސްލޮޓް ދޫކުރީ އެ ސިޓީއާ ނުލައެވެ. އަދި އެއިން އެއްވެސް ބިމަކަށް ރަސްމީކޮށް އިއުލާނުކޮށް، އެކަން އާންމުކޮށްފައެއްވެސް ނުވެއެވެ.
އެއްބަސްވުމުގައި ހިމެނޭ މާއްދާތަކުގެ ތެރެއިން، ބަދަލުގެ ގޮތުގައި ދޭން ޖެހޭ މާއްދާތަކުން އެކަނިވެސް ބިންތައް ބަހާލި ގޮތް ސާފެވެ. އަދި ބިންތައް ސަބްލީސް ކުރުމުގެ މައިގަނޑު ބޭނުންވެސް ސާފެވެ. އެކަމުގައި ފާހަގަކޮށްލެވޭ ބައެއް ނުކުތާތައް:
- ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 200 ޕަސެންޓް ދައްކަން ޖެހޭ. ހުށަހަޅާ ކޮންސެޕްޓަށް އެޗްޑީސީގެ ހުއްދަ ނުލިބިގެން އެއްބަސްވުން ބާތިލުކުރަން ޖެހޭ ހާލަތުގައި ސްލޮޓް ކުއްޔަށް ހިފުމަށް އެހާތަނަށް ދެއްކި ކުލީގެ އިތުރުން 200 ޕަސެންޓް ޖޫރިމަނާ ދައްކަން ޖެހޭ.
- އެއްވެސް ހާލަތެއްގައި އެއްބަސްވުން ބާތިލުކުރާ ނަމަ، ގެއްލުން ލިބޭނެ ކަމަށް ލަފާކުރާ ވިޔަފާރި އާމްދަނީގެ ބަދަލު ދޭން ޖެހޭ.
- އެއްބަސްވުން އުވާލާ ހާލަތުގައި ކުއްޔަށް ހިފި ފަރާތުން އެހެން ތަނަކަށް ބަދަލުވުމަށް ހިނގާ ހަރަދާއި، އެހެންތަނެއް ކުއްޔަށް ހިފުމަށް ހިނގާނެ ހަރަދުވެސް އެފްއޭއެމްއިން ދޭނެ ޖެހޭ.
އެ ބަދަލުތަކުގެ ބޭނުމަކީ އެކަން ކުރި މީހުންގެ ހިމާޔަތެވެ. އެހެން އެއްވެސްކަމެއް ނޫނެވެ. އެއްބަސްވުން ހެދި ކުންފުނިތަކަށްވެސް އެ އެއްބަސްވުމުގެ ބޭނުން އެނގޭ އިރު، އެ އެއްބަސްވުންތަކުގެ ސަބަބުން އެފްއޭއެމްއަށް މާލީ ގޮތުން ނުއުފުލޭނެ ބުރަޔަކާ ކުރިމަތިވާނެއެވެ.
ފާހަގަވި ހުރިހާ ކަންކަމަކުން ފުޓުބޯޅަ ސްކޫލްގެ ބޮޑެތި އެތައް ހިޔާނާތެއް ފެނިއްޖެއެވެ. އެތައް އެތައް މިލިއަނަކުން ލިބުނު ގެއްލުމުގެ ބުރަ އުފުލަން ޖެހުނީ ފުޓުބޯޅައަށް ލޯބިކުރާ އެތައް ރައްޔިތުންނެކެވެ. އެތައް ޖީލެއްގެ ހުނަރު ފައްކާ ނުކުރެވި، ރާއްޖޭގެ ފުޓުބޯޅަ އަޑިއަޅާލިއެވެ. މުސްތަގުބަލެއް ބިނާކުރުމަށް އެޅި ފިޔަވަޅު، މަގުން ކަސިޔާރުވެ، އެފްއޭއެމްއަށް އޮތީ ދަރަނީގެ ދަންތުރައެކެވެ. މާފަންނު ސްޓޭޑިއަމްގެ އަޑިގަނޑުވެސް އެހާމެ ބޮޑެވެ. ހުޅުމާލޭ ބިމުގެ އެތައް ގެއްލުމަކާ އަނެއްކާވެސް ކުރިމަތިވީއެވެ.
ބަދަލު ހޯދަން އޮޑިޓް އޮފީހުންވެސް އެފްއޭއެމްގައި އެދިފައިވެއެވެ. ދަރަނި އޮތްކަން އެނގިވެސް އެފްއޭއެމް ކޮޅަށް ޖެހުމަށް މިހާރުގެ ލީޑާޝިޕުން ހަވާލުވި އިރު، އެކަމުގައި އަންނަނީ ހައްލު ހޯދަމުންވެސް މެއެވެ. ފުޓުބޯޅަ ސްކޫލުގެ މައްސަލަ ފުލުހަށް ހުށަހަޅަން އޮޑިޓް އޮފީހުން ލަފާ ދީފައިވެއެވެ. އަދި އެއްބަސްވުންތަކަށް ރަނގަޅަށް ބަލައި، މުރާޖައާކޮށް، ބިމުގެ އަސްލު ނުގެއްލޭނެ ގޮތަށް ކަންކަން އިސްލާހުކުރަންވެސް ވަނީ އަންގައިފައެވެ. އެއީ ބޮޑު ޗެލެންޖެކެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް