ކައުންސިލުތަކަށް އިދިކީލި ފިކުރުގެ ބަޔަކު ގެނެސްފިއްޔާ، ތަރައްގީއަށް ހުރަސްއެޅޭނެ ކަމަށާއި ތަރައްގީގެ ފިކުރަކީ ޕީއެންސީގެ ފިކުރު ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީން ނުކުމެ މަސައްކަތްކުރަނީ ތަރައްގީއަށް ކަމަށާއި ޕީއެންސީން މަސައްކަތްކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އަވަހަށް ފޯރުކޮށްދެވޭނެ ގޮތަކަށް ކަމަށެވެ.

"ގަބޫލުކުރަންޖެހޭނެ ތެލާއި ފެނަކާ އެކެއް ނުވާނެ. ތަރައްގީއަށް މަސައްކަތްކުރާ ބަޔަކު ތަރައްގީއަށް ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް، އެތަނަށް އެހެން ބަޔަކު ވަދެ ގަޑުބަޑު ކުރާ ކަމަށްވެއްޖެއްޔާ، ތަރައްގީއަށް ހުރަސް އެޅޭނެ. އެ ސަބަބާ ހުރެ ކައުންސިލުގައި ތިއްބަވާ ގިނަ ބޭފުޅުންނަކީ ތަރައްގީގެ ވިސްނުމަށް މަސައްކަތްކުރާ، އެ ފިކުރުގެ ބަޔަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލަރުންނަކީ ތަރައްގީގެ ވިސްނުމުގައި، ރައީސް މުއިއްޒު ގެންނަވާ ހެޔޮ ބަދަލުތަކާ އެއްގޮތަށް މަސައްކަތްކުރާނެ ބަޔަކަށް ވެއްޖެއްޔާ އެ މަސައްކަތްތައް އިތުރަށް ފަހިކަމާއެކު ކުރިއަށްގެންދެވޭނެ ކަމަށާއި އެއާ ތަފާތު ވިސްނުމުއްގައި މަސައްކަތްކުރާ ކަމަށްވެއްޖެއްޔާ އުނދަގޫތައް ކުރިމަތިވާނެ ކަމަށެވެ.

"އިދިކީލި ފިކުރުތައް ގިނަވާ ކަމަށްވެއްޖެއްޔާ، އެ އިދިކީލިކަން ކުޑަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގިނަވާނެ. ހަމައެއާއެކު މި ފިކުރު ނޫން ގޮތަކަށް މަސައްކަތްކުރާ ބަޔަކު ތިބެއްޖެ ކަމަށްވެއްޖެއްޔާ އަޅުގަނޑުމެންގެ ފިކުރު އޮޅުންފިލުވައިދޭން، ވިސްނައިދޭން ކައުންސިލުތަކުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވެގެންދާނެ. އެއީ ގެއްލިގެންދާ ވަގުތުތަކެއް، އެއީ ގައުމުގެ ތަރައްގީއަށް އަޅުގަނޑުމެންނަށް ކުރަންޖެހޭ މަސައްކަތާއި ހޭދަކުރަން ޖެހޭ ވަގުތާއި ފައިސާއިން ގެއްލޭ ވަގުތުތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އެ ހުރިހާ ސަބަބުތަކަށް ބަލާ އިރު، މިފަހަރު ރައްޔިތުންނަށް އޮތް ގޮތަކީ ދޫންޏަށް ވޯޓުދިނުން ކަމަށާއި އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.