އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް ޑިފެންޑަރު ހެރީ މެގުއާ، ގްރީސްގެ މައިކޯނޯސްގައި ހިންގި ހަމަ ނުޖެހުމެއްގެ ސަބަބުން އޭނާއަށް 15 މަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މެގުއާގެ މައްޗަށް ގްރީކް ކޯޓުން ހުކުމް ކޮށްފައި ވަނީ 2020 ވަނަ އަހަރު ގްރީސްގައި ހިންގާފައިވާ ހަމަ ނުޖެހުންތަކެއްގެ ސަބަބުންނެވެ. މެގުއާގެ އާއިލާ އިތުރު ދެމީހަކުވެސް އެ މައްސަލައިގައި ކުށްވެރިވާ އިރު، މެގުއާގެ މައްޗަށް ސާބިތުވެފައި ވަނީ އާންމުންގެ ތެރެއިން ބަޔަކަށް ގެއްލުން ދިޔުމުގެ އިތުރުން ހައްޔަރު ކުރުމުގައި ފުލުހުންގެ އޮފިސަރުންތަކަކަށް ހަމަލާ ދިނުމުން އެކަމުގެ ކުށާއި، ހައްޔަރުކުރުމުން ރިޝްފަތު ދޭން މަސައްކަތް ކުރިކަމުގެ ކުށެވެ.

އެފަހަރު މެގުއާ ދެ ދުވަސް ވަންދެން ބަންދުގައިވެސް ބަހައްޓާފައިވާ އިރު، ފުރަތަމަ މެގުއާގެ މައްޗަށް 21 މަހާއި 10 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އެ ހުކުމް ބާތިލުކުރީ އިސްތިއުނާފު ކުރުމުންނެވެ.

މެގުއާ، 15 މަހަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، އެއީ ސަސްޕެންޑެޑް ހުމުމެކެވެ. އެހެންކަމުން އޭނާއަށް މިހާރުން މިހާރަށް ހުކުމް ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.

ރޮއިޓާސްއިން ބުނީ މެގުއާގެ ގާނޫނީ ޓީމުން އެ ހުކުމް އިސްތިއުނާފު ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މެގުއާ ޖަލަށް ދާން ނުޖެހުން ގާތެވެ.