ފުޓުބޯޅަ ސްކޫލުގެ ގޮތުގައި ފުޓުބޯޅަ ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދޫކުރި ބިމުގެ ބައެއް ކުއްޔަށްދީ، ލިބުނު ފައިސާގެ ތެރެއިން 29.5 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
ރާއްޖޭގައި ބައިނަލްގުއަވާމީ ފުޓުބޯޅަ ޓްރެއިނިން ފެސިލިޓީ ގާއިމުކުރުމަށް ސަރުކާރުން އިއުލާންކުރި މަޝްރޫއުގެ ބޭނުމަށް އެފްއޭއެމް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު 2018 ވަނަ އަހަަރުގެ ޖުލައި 11 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އެފްއޭއެމްއަށް ވަނީ ހުޅުމާލެއިން 230،000 އަކަފޫޓުގެ ބިމެއް ހަވާލުކޮށްފައެވެ.
އެ ބިމުގެ ބައެއް ކުއްޔަށް ދިން މުއާމަލާތްތައް ހިންގާފައިވާ ގޮތް ބެލުމަށްފަހު، އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނީ އެ ބިމުގެ ސްލޮޓްތައް ކުއްޔަށް ދޫކުރުމަށް އެފްއޭއެމުން އެކި ފަރާތްތަކާއެކު 2021 ވަނަ އަހަރުގެ ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް 15 ސަބްލީސް އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.
އެ ސަބްލީސް އެއްބަސްވުމުގެ ދަށުން ޖުމުލަ 52،210،000 (52.2 މިލިއަން) ރުފިޔާ، މިދިޔަ އަހަރުގެ ނިޔަލަށް ލިބިފައިވާ ކަމަށް ބެލެވޭ އިރު، އެ ފައިސާގެ ތެރެއިން ޖުމުލަ 29،598،200 (29.5 މިލިއަން) ރުފިޔާ ގެއްލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ބިމުގެ ސްލޮޓްތަކާއި އިމާރާތުގެ ފްލޯތައް ކުއްޔަށް ނެގި ފަސް ފަރާތަކުން ނަގުދު ފައިސާ އިންނާއި ޗެކުން އެފްއޭއެމްއަށް ފައިސާ ދެއްކި ކަމަށްބުނެ ހުށަހަޅާފައިވާ އެފްއޭއެމްގެ ސްޓޭމްޕް އަދި އިސް ފަރާތްތަކުގެ ސޮއި ހިމެނޭ ރަސީދުތަކާއި ޕޭމަންޓު ވައުޗާތަކުގެ ޖުމުލަ 14،100،000 (14.1 މިލިއަން) ރުފިޔާ، އެ ފައިސާގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން އެ ފައިސާގެ ތެރޭގައި އެފްއޭއެމްގެ ބޭންކު އެކައުންޓުތަކަށް ބިމުގެ ސްލޮޓްތަކުގެ ކުލީގެ ގޮތުގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ އެކައުންޓުތަކަށް ފޮނުވާފައިވާ 14،074،060 (14 މިލިއަން) ރުފިޔާ ރުފިޔާ އާއި، އެފްއޭއެމްގެ ބޭންކު އެކައުންޓުތަކަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ކޮން ބޭނުމަކަށްކަން ނޭނގި އެކިފަހަރުމަތިން ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވާ ޖުމުލަ 1،424،140 (1.4 މިލިއަން) ރުފިޔާ ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ކުލީގެ ގޮތުގައި ލިބުނު 52.2 މިލިއަން ރުފިޔާގެ ތެރެއިން އެފްއޭއެމްގެ ބޭންކު އެކައުންޓުތަކަށް ޖަމާކޮށްފައިވަނީ ހަމައެކަނި ޖުމުލަ 38،110،000 (38.1 މިލިއަން) ރުފިޔާ ކަމަށެވެ. އަދި ކުއްޔަށް ދިން ތިން ސްލޮޓެއްގެ އެއްބަސްވުންތަކަށް ގެނައި އިސްލާހުތަކުގެ ދަށުން އެއްވެސް އިތުރު ފައިސާއެއް ދައްކަންނުޖެހޭ ގޮތަށް، އެ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ ސްލޮޓުތަކުގެ ސައިޒް ބޮޑުކުރުމުންނާއި، މުއްދަތު އިތުރުކުރުމުން އަދި ދައްކަންޖެހޭ ޖުމުލަ ކުލި ކުޑަކޮށްދިނުމުގެ ސަބަބުން އާމްދަނީގެ ގޮތުގައި ލިބުމުގެ ފުރުސަތު އޮތް ޖުމުލަ 14،434،153 (14.4) މިލިއަން ރުފިޔާ ލިބުމަށް ހުރަސް އެޅިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކުރިއެވެ.
އޭގެ އިތުރުން ބިންތައް ކުއްޔަށް ދޫކޮށްފައިވަނީ މާކެޓް ރޭޓަށްވުރެ ބޮޑުތަނުން ކުޑަ ރޭޓެއްގައި ކަމުން 524،098،066 (524 މިލިއަން) ރުފިޔާގެ ގެއްލުމެއް އެފްއޭއެމްއަށް ލިބިފައިވާކަން ފާހަގަކުރެވޭ ކަމަށާއި ގިނަ ސްލޮޓްތައް ދޫކޮށްފައިވަނީ އެއްބަސްވުމުގެ ޖުމުލަ އަގު އެޑްވާންސްކޮށް ނެގުމަށް ކަނޑައަޅައިގެން ކަމަށްވާތީ ވެސް ގެއްލުން ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކުރިއެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ އެފްއޭއެމުން ބިމު ކުލީގެ ގޮތުގައި މިހާތަނަށް އެއްވެސް ފައިސާއެއް އެޗްޑީސީއަށް ދައްކާފައިނުވާ ކަމަށާއި އެހެންކަމުން މިދިޔަ އަހަރުގެ ނިޔަލަށް ދައްކަންޖެހޭ ބިމު ކުއްޔާއި ޖޫރިމަނާ ހިމެނޭހެން 10،528،598 (10.5 މިލިއަން) ރުފިޔާ އެފްއޭއެމުން އެޗްޑީސީއަށް ނުދައްކާ ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.
އޭގެ އިތުރުން ފުޓުބޯޅަ ޓްރެއިނިން ފެސިލިޓީގެ އިނީޝިއަލް ޕްލޭންގައިވާ އޮފީސް އިމާރާތާއި އެކޮމޮޑޭޝަން ބްލޮކް އަދި ދެ ފުޓުބޯޅަ ޕިޗް ހެދުމަށް އެފްއޭއެމުން 4 ޖުލައި 2018 ގައި އަމިއްލަ ކުންފުންޏަކާއެކު ހެދި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އެ ކުންފުނިން ނިންމާފައިވާ މަސައްކަތުގެ ގޮތުގައި ފާހަގަކުރެވެނީ އޮކޮމޮޑޭޝަން ބްލޮކްގެ 90 ޕަސަންޓު މަސައްކަތް ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ނިންމަންޖެހޭ އޮފީސް އިމާރާތާއި ފުޓުބޯޅަ ޕިޗްތަކުގެ އެކަށީގެންވާ މަސައްކަތެއް ފެށިފައިނުވި ނަމަވެސް، އެފްއޭއެމުން މިހާތަނަށް އެ ކުންފުންޏަށް 32،302،143 (32.3 މިލިއަން) ރުފިޔާ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ނިމިފައިވާ މަސައްކަތުގެ އަގަށްވުރެ އިތުރަށް ދީފައިވާ 14،277،082 (14.2 މިލިއަން) ރުފިޔާ ހިމެނޭކަން ފާހަގަކުރެވޭ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނީ އެޗްޑީސީއާއެކު ހެދި އެއްބަސްވުމަށް ގެނައި އިސްލާހަކާ ގުޅިގެން ފެސިލިޓީގެ ބޭނުމަށް ކަނޑައަޅާފައިވާ ޕިޗްތަކުގެ ޖާގައިން ގާތްގަނޑަކަށް 30 ޕަސަންޓު ކުޑަވެ، އެ މަޝްރޫއުގެ އިނީޝިއަލް ކޮންސެޕްޓްތަކުގައި ކަނޑައަާޅފައިވާ ގޮތަށް 90،000 އަކަފޫޓު ދެ ފުޓުބޯޅަ ޕިޗް އެޅުމަށް ބޭނުންވާ ޖާގަ ނެތްކަން ފާހަކުރެވޭ ކަމަށެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް