ސަރުކާރުން އަލަށް ތައާރަފުކުރާ "ޓެކްސީލައިން" ގެ ހިދުމަތް މި އަހަރުގެ ރޯދަމަސް ނިމުމުގެ ކުރިން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ، ޓެކްސީ ހިދުމަތް ފެށުމަށް ތައްޔާރުކުރާ ކާރުތަކަށް ރާއްޖޭގެ މާހައުލާ ގުޅޭނެ ފަދަ ބަދަލުތަކެއް ގެނެސް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ، މޫދާ ކައިރި ސަރަހައްދުތަކެއްގައި ޓެކްސީ ދުއްވަންޖެހޭ ގައުމަކަށްވާތީ، ކާރުތަކުގެ އިލެކްޓްރޯނިކް ވަސީލަތްތަކަށް އެކަމާ ގުޅޭ ބަދަލުތައް ގެންނަން ޖެހުނުކަން އަމީން ވިދާޅުވިއެވެ.

"ޓެކްސީލައިން އިފްތިތާހުކޮށް ލިމިޓެޑް ސާވިސްތަކެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަނީ މިމަހުގެ 18 ގައި. އީދަށް މިކަންތައް ފެށޭތޯ މަސައްކަތް ކުރަނީ. އިރާދަ ކުރެއްވިއްޔާ މިހާރު މިއޮތް ތާވަލާއި އެއްގޮތަށް މިކަންތައް ކުރެވޭތޯ ބަލަނީ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޓެކްސީލައިން ހިދުމަތުގައި ތިން މޮޑެލްއެއްގެ ކާރު ބޭނުންކުރުމަށް ހަމެޖެހިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކާރުތައް ރާއްޖެ ގެނައުމުގެ މަސައްކަތް، ދެ ބެޗަކަށް ބަހާލައިގެން ކުރަމުންދާ ކަމަށެވެ. އެގޮތުން އެއް ބެޗުގައި ތައިލެންޑުން 60 ކާރު ގެނައުމަށް ހަމަޖެހިފައިވާ އިރު، ބާކީ ކާރުތައް ގެންނާނީ ޗައިނާއިންނެވެ. ޗައިނާއިން ދެ މޮޑެލްއެއްގެ ކާރު ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގެ ޓެކްސީގެ ހިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާ ޓެކްސީލައިން މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 150 ކާރާއެކު ފަށާ އެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމުގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ ކޮށްފައެވެ.

އެ ހިދުމަތަށް ޖުމްލަ 407 ޑްރައިވަރުން ބޭނުންވާ އިރު، އޭގެ ތެރޭގައި ފުލްޓައިމްކޮށް މަސައްކަތްކުރާ 285 ޑްރައިވަރުންނާއި، ޕާޓްޓައިމްކޮށް މަސައްކަތްކުރާ 122 ޑްރައިވަރުން ހިމެނޭކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.