ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 28ގައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ ރަންޖިނި ޖީވަނަންތަން، (38އ) އާއި ގދ. ވާދޫ / ފުރުސަތު، ލޫތު އިބްރާހީމް (29އ) އަދި ގއ. ދާންދޫ / ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް (21އ) އެވެ.

އެ ތިން މީހުންގެ ތެރެއިން ރަންޖިނި ޖީވަނަންތަން ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ލޫތު އިބްރާހީމް އާއި އަހުމަދު ރިޝްމާހް ހައްޔަރުކުރީ މާލެއިންނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރަންޖިނި ޖީވަނަންތަން އާއި ލޫތު 15 ދުވަަހަށް އަދި ރިޝްމާހް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.