ދިވެހިރާއްޖެއާ އެކު އޮންނަ ސިޔާސީ ގުޅުން މޮރިޝަޝްއިން ކަނޑާލިޔަސް، އެ ގައުމަށް ޗާގޯސް ހައްގު ނުވާނެ ކަމަށް ވިދާޅުވެ، މޮރިޝަޝްގެ ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެ މައްސަލައިގައި މޮރިޝަސް އިން ރާއްޖެއާ އޮތް ގުޅުން ކަނޑާލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށެވެ.
"އެ ނިންމުން އެހެން ނިންމުމަކުން ހަގީގަތް ބަދަލެއް ނުވޭ، ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ހައްގުނޫން ތަނެއް ހައްގެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަން އެނގޭ ހެކިތައް ތާރީހުން ފެންނާން އެބަހުރި ކަމަށެވެ.
"އެއީ އެތައް ގަރުނެއް ކުރިން ދިވެހިންގެ ތަނެއް، ނުވަ ވަނަ ހަސަން ރަސްގެފާނުގެ ސިޓީއެއް އޮންނާނެ ޗާޓާއެކު 16 ވަނަ ގަރުނުގަ ޗާގޯސް ނުވަޔަ ފޯޅަވައްސާ ބެހޭގޮތުން، އެހެންވީމަ އެތަނަކީ ވަރަށް ބޮޑަށް ހިޒްޓޮރިކަލް ކަނެކްޝަން ރާއްޖެއާއެކު އޮތް ތަނެއް." ރައީސް ވިދާޅުވި އެވެ.
"އެއްވެސް ގައުމަކަށް އެތަން ހައްގުވެރި ގައުމާ ހަވާލުކުރުމުގެ ބޭނުމުގައި ހަވާލުކުރަންޏާ ހަވާލުކުރަން ޖެހޭ ހަމައެކަނި ގައުމަކީ ދިވެހި ރާއްޖެ، އެއީ ވަރަށް ސާފުކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޗާގޯސް ހޯދުމަށް ކުރަން ޖެހޭ ކަންކަން ބައިނަގްއަގްވާމީ ގޮތުން ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން މިވަގުތަށް އިނގިރޭސި ސަރުކާރާއެކީގައި މުއާމަލާތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
މޮރިޝަސް
މޮރިޝަސް
މޮރިޝަސް