ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހުޅުމާލެ ހޮސްޕިޓަލަށް ޒަމާނީ ކާޑިއޯވަސްކިއުލާ ސިސްޓަމެއް ފޯރުކޮށްދީފި އެވެ.

އެސްޓީއޯއިން މިއަދު ބުނީ އެކުންފުނީގެ ހެލްތުކެއާގެ ފަރާތުން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ޒަމާނީ ޑައިގްނޯސްޓިކް އިކުއިޕްމަންޓް ފޯރުކޮށްދީ، ހާއްސަ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެންމެ ފަހުގެ ކާޑިއޯވަސްކިއުލާ އަލްޓްރާސައުންޑް ސިސްޓަމެއް ހުޅުމާލޭ ހޮސްޕިޓަލަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ޖީ.އީ ހެލްތްކެއާ ބްރޭންޑުގެ ވިވިޑް E95 ކާޑިއޯވަސްކިއުލާ އަލްޓްރާސައުންޑް ސިސްޓަމް ތައާރަފުކުރެވިގެން ދިޔައީ، ފާއިތުވި ފެބްރުއަރީ 26 ގައި ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށް ދިޔަ އެޕްލިކޭޝަން ޓްރެއިނިން ސެޝަނަކާ އެއްކޮށް ކަމަށް އެސްޓީއޯއިން ބުންޏެވެ. މި ސެޝަނުގައި ހުޅުމާލެ ހޮސްޕިޓަލުގެ ސިއްހީ މާހިރުންގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަންދޫބުން ވެސް ބައިވެރިވެފައިވި ކަމަށާއި މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި ކާޑިއެކް އިމޭޖިން ހިދުމަތްތައް ތަރައްގީކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތެކެއް ކަމަށް ވެސްއެސްޓީއޯއިން ބުންޏެވެ.

2 މާޗް 2026: ހުޅުމާލެ ހޮސްޕިޓަލަށް ހިތުގެ ބަލިތައް ދެނެގަންނަ ޒަމާނީ އިމޭޖިންގް ޓެކްނޮލޮޖީ ތައާރަފުކޮށްފިށް ހިތުގެ ބަލިތައް ދެނެގަންނަ ޒަމާނީ އިމޭޖިންގް ޓެކްނޮލޮޖީ ތައާރަފުކުރުން --- ފޮޓޯ/އެސްޓީއޯ

އެ ސިސްޓަމަކީ މެޑިކަލް އިމޭޖިން އަދި ހެލްތުކެއާ ޓެކްނޮލޮޖީގައި ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ ޖީއީ ހެލްތުކެއާ އާއި އެސްޓީއޯ ހެލްތުކެއާގެ ޕާޓްނަޝިޕްގެ ދަށުން ފޯރުކޮށްދިން ސިސްޓަމެއް ކަމަސް އެސްޓީއޯއިން ބުންޏެވެ.

"ޖީ.އީ ވިވިޑްE95އަކީ ހިތުގެ ބައިތަކާއި، މަސައްކަތްކުރާ ގޮތް، އަދި ލޭ ދައުރުވާ ގޮތް ވަރަށް ސާފުކޮށް ބަލައިލެވޭނެހެން ފަރުމާކޮށްފައިވާ ހައި-ރިޒޮލިއުޝަން ކާޑިއެކް އިމޭޖިން ސިސްޓަމެއް. މި ސިސްޓަމުގައި ބޮޑެތި މީހުންނާއި، ކުޑަކުދިން އަދި އަލަށް އުފަންވާ ކުދިންނަށް ބޭނުންކުރެވޭނެ ޕްރޯބްތައް ހިމެނޭ." އެސްޓީއޯއިން ބުންޏެވެ.

އޭގެ ސަބަބުން އަލަށް އުފަންވާ ކުދިންގެ ހިތުގެ އައިބުތައް ދެނެގަތުމަށާއި، ހުރިހާ އުމުރުފުރައެއްގެ ބަލިމީހުންގެ ހިތުގެ ޓެސްޓުތައް ހެދުމަށް މަގުފަހިވެގެންދިއުމާއި، ފަރުވާގެ ކަންކަމުގައި އަވަސް ނިންމުންތައް ނިންމުމަށް އެހީތެރިވެދެއެވެ.

އޭގެއިތުރުން ރާއްޖޭގައި މިފަދަ ހާއްސަ ޚިދުމަތްތައް ލިބެން ހުރުމަކީ މުއައްސަސާތަކުގެ ގާބިލުކަން އިތުރުވެ، ބޭރުގެ އެހީތެރިކަމަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމެއްކަމުގައި ގަބޫލުކުރެވޭ ކަމަށް އެސްޓީއޯއިން ބުންޏެވެ.

2 މާޗް 2026: ހުޅުމާލެ ހޮސްޕިޓަލަށް ހިތުގެ ބަލިތައް ދެނެގަންނަ ޒަމާނީ އިމޭޖިންގް ޓެކްނޮލޮޖީ ތައާރަފުކޮށްފިށް ހިތުގެ ބަލިތައް ދެނެގަންނަ ޒަމާނީ އިމޭޖިންގް ޓެކްނޮލޮޖީ ތައާރަފުކުރުން --- ފޮޓޯ/އެސްޓީއޯ

އެސްޓީއޯ ހެލްތުކެއާގެ ފަރާތުން މެޝިން ފޯރުކޮށްދިނުމުގެ އިތުރުން، އިންސްޓޯލްކުރުމާއި، އެޕްލިކޭޝަން ޓްރެއިނިން ދިނުމާއި މެދުނުކެނޑި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އޭގެ އިތުރުން ވޮރެންޓީ އަދި އާފްޓަރ-ސޭލްސް ސާވިސް ސަޕޯޓް ތަމްރީނު ލިބިފައިވާ އެސްޓީއޯގެ ބަޔޯމެޑިކަލް އިންޖިނިއަރުން، ކްލިނިކަލް އެޕްލިކޭޝަން ސްޕެޝަލިސްޓުން ފޯރުކޮށްދެނީ ކަމުގެ ފަންނީ މާހިރުންނާއި ގުޅިގެން ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ މަގުސަދަކީ ސިއްހީ ހިދުމަތްތެރިންނަށް މި ސިސްޓަމް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން އެނގޭނެކަން ކަށަވަރުކުރުމެވެ. އަދި މި ތަކެތި ގިނަ ދުވަހު ބޭނުންކުރެވޭނެކަމާއި އޮޕަރޭޝަނަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކުރުމެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޖީ.އީ ވިވިޑް E95 ސިސްޓަމް ގާއިމުކޮށް ހިދުމަތްދޭން ފެށުމަކީ، ރާއްޖޭގެ ޑައިގްނޯސްޓިކް ހިދުމަތްތައް ތަރައްގީކޮށް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެސްޓީއޯ ހެލްތުކެއާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި ގުޅިގެންކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ. އަދި ކާޑިއެކް، ޕީޑިއަޓްރިކް އަދި ނިއޯނޭޓަލް ޑައިގްނޯސްޓިކް ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.