މާލެ މައްޗަންގޮޅި ރިމްލާސް ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެ އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އެންޑީއެމްއޭ މިއަދު ބުނީ ރޭ މއ. ރިމްލާސް ގައި ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް، ދިރިނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

"އެހެންކަމުން މި އޮތޯރިޓީންވަނީ އެ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައި." އެންޑީއެމްއޭއިން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން މިއަދު ބުނީ ރިމްލާސްގައި އަލިފާނުގެ ހާދިސާާއެއް ހިނގާނފައިވާ ކަމުގެ މައުލޫމާތު ރިޕޯޓްކުރީ ރޭ ދަންވަރު 03:06 ހާއިރު ކަމަށެވެ.

ރޯވި އަލިފާންގަނޑު، މާލޭ ފަޔާ ސްޓޭޝަނުގެ ފަޔަރފައިޓަރުން 04:12 ހާއިރު ވަނީ އެއްކޮށް ނިއްވާލާފައި ކަމަށެވެ. އަދި އެ ހާދިސާގައި އެ ގޭގެ އެކިބައިތަކަށް ވަނީ ގެއްލުން ވެފައިކަމަށެވެ.

ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.