ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަކީ އެންމެން އިއްތިފާގުވެފައިވާ ކަމެއް ކަމަށާއި އިދިކޮޅު އެމްޑީޕީން މިހާރު އެކަން ބޭނުންނުވާ މައްސަލައަކީ ސިޔާސީ މައްސަލައެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީގެ ކެމްޕޭން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލު އިންތިހާބާއެކު ކުރިއަށްގެންދާ ދެ އިންތިހާބު އެކުގައި ބޭއްވުމާ ގުޅޭ އާންމު ވޯޓާ ގުޅޭގޮތުން ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ ދެ އިންތިހާބު އެކުގައި ބޭއްވުމަކީ މާތް މަގުސަދެއްގައި، މާތް ނިޔަތެއްގައި ކުރާ ކަމެއް ކަމަށެވެ.

ކައުންސިލު އިންތިހާބަށްވުރެ ބޮޑަށް މިހާރު ދެ އިންތިހާބު އެކުގައި ބޭއްވުމުގެ ކެމްޕޭން ވަރަށް ފޯރިގަދަވެފައިވާ ކަމަށާއި ދެ އިންތިހާބު އެކުގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އިދިކޮޅުގެ ވެރިން ކުރިން ގަބޫލުކުރެއްވި ނަމަވެސް، މިހާރު އެބޭފުޅުން ގަބޫލުނުކުރެއްވުމަކީ ސިޔާސީ މައްސަލައެއް ކަމަށެވެ. އެއީ މިހާރު ޕީއެންސީން އެގޮތަށް ބޭނުންވާތީ އިދިކޮޅުން އެގޮތަށް ބޭނުންނުވަނީ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ދެ އިންތިހާބު އެކުގައި ބޭއްވުމަށް މަސައްކަތްކުރަނީ ރައްޔިތުންގެ ގާތަށް ނުދިއުމަށް ކަމާއި، ރިޔާސީ ދައުރު ދަންމާލުމަށް ކަމަށް އިދިކޮޅުން ބުނަމުންދިޔަ ނަމަވެސް އެއީ މުޅިން ދޮގު ދެ ވާހަކަ ކަމަށެވެ. އަދި ކައުންސިލު އިންތިހާބާ ދިމާކޮށް ރަށްރަށަށް ވަޑައިނުގަންނަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވާކަން ފަލާހު ފާހަގަކުރެއްވިއެވެ.

ދެ އިންތިހާބު އެކުގައި ބޭއްވުމަކީ އިންތިހާބުތައް މަދުވުން ނޫން ކަމަށާއި މިހާރުވެސް އޮންނަ ގޮތަށް ކައުންސިލު އިންތިހާބު ބޭއްވިގެންދާނީ ރިޔާސީ ދައުރުގެ މެދުތެރެއިން ކަމަށެވެ. އަދި ދެ އިންތިހާބު އެކުގައި ބޭއްވުމަށް ނަގާ ވޯޓުގައި "އާނއެކޭ" އަށް ވޯޓުދިނުމަށް ފަލާހު އެދިވަޑައިގެންނެވިއެވެ.