ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންނަށް ކަނޑައަޅާފައިވާ އަގު ބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި އީ ޕެޓިޝަނުގައިވާގޮތަށް، މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ވެރިކަން ކުރާ ޕީއެންސީން ތައްޔާރުކަމަށް، އެ ޕާޓީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ޕެޓިޝަނުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޕެޓިޝަންގައި ރައްޔިތުންނަށް ނުލިބޭ ނަމަވެސް، މެންބަރުންނަށް ލިބޭ އަގު ބޮޑު ހެލްތު އިންޝުއަރެންސެއްގެ ގޮތުގައި މަޖިިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ފާހަގަ ކޮށްފައިވާތީ ފަލާހު ވިދާޅުވީ، އާއްމު ރައްޔިތުންނަށް ނުލިބޭ އެއްޗެއް މަޖިލިސް މެންބަރަކަށް ވާތީ ލިބެން ޖެހޭނެ ކަމަށް އެއް އިރެއްގައިވެސް ތާއީދު ނުކުރައްވާ ކަމަށެވެ.

އެ ޕެޓިޝަނަށް ތާއީދު ކުރެއްވި ނަމަވެސް އެ ޕެޓިޝަން ހުށަހެޅި ފަރާތުން ޕެޓިޝަން ހުށަހަޅާފައި ވަނީ ކަން އޮތްގޮތް ރަނގަޅަށް އޮޅުން ނުފިލުވައި ކަމަށް ފަލާހު ވިދާޅުވިއެވެ.

"މި ޕެޓިޝަން ތައްޔާރުުކުރި ފަރާތަށް އެންމެ ރަނގަޅަކަށް މެންބަރުންގެ އިޝުއަރެންސް ނިޒާމު އޮންނަ ގޮތް ބެލިފައެއްނެތް. ނަމަވެސް އަޅުގަނޑު ވަރަށް ބޮޑަށް ތާއީދު ކުރަން އަބަދުވެސް ތާއީދު ކުރަން އެއްވެސް ރައްޔިތަކަށް ނުލިބޭ އެއްވެސް އެއްޗެއް މަޖިލިސް މެންބަރަކަށް ވާތީ ލިބޭކަށެއް ނުޖެހޭ،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، އާސަންދައިން ބޭރުވެ މެންބަރުންގެ ހެލްތު އިންޝުރެންސް ޕެކޭޖް ނެގީމާ ދިވެހި ދައުލަތަށް ހަރަދު ވާނީ ކުޑަ ކަމަށެވެ.

އިންޝުރެންސް ކުންފުންޏަށް އަހަރަކު މެންބަރަކަށް ދައުލަތުން ދައްކަން ޖެހެނީ 24000 ރުފިޔާ ކަމަށާއި އޭގެ އިތުރަށް ދިވެހި ސަރުކާރުން ލޯ ލާރިއެއްވެސް ހަރަދު ކުރާން ނުޖެހޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ނިޒާމަކީ ކިހިނެއް ހިނގާ ނިޒާމެއްކަން ޕެޓިޝަނެއް ހުށަހަޅާއިރު ސާފު ވާން ޖެހޭ ކަމަށެވެ.

އެގޮތުން އާސަންދަ ނިޒާމުގައި ކޮންމެ ދިވެހި ރައްޔިތަކަށް ހަރަދު ކުރަނީ މިވަގުތު އެ ނިޒާމު އޮތް ގޮތުން ސީދާ ދައުލަތުން، ދައުލަތުގެ ބަޖެޓުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އަހަރަކު އިންޝުރެންސް ޕެކޭޖުގެ ތެެރެއިން މި އިންނަނީ 13،50000 ރުފިޔާ މެންބަރަކަށް ހަރަދު ކުރެވެން އޭގެ މާނައަކީ 13،50000އަކީ ދައުލަތުގެ ބަޖެޓުން ކުރާ ހަރަދެއްނޫނޭ. ދައުލަތުގެ ބަޖެޓުން ކޮންމެ މަޖިލިސް މެންބަރަކަށް މި ދައްކަނީ އަހަރަކު އެންމެ 24،000 ރުފިޔާ،"

މީގެ އިތުރުން އެ ޕެޓިޝަންގައި އަގު ބޮޑުކޮށް ގައުމުތަކަށް ދަތުރުކުރާ ވާހަކަ އޮތްއިރު، އިންޝުރެންސް ފައިސާ ލިބެނީވެސް އަމިއްލަ ހަރަދުގައި ބޭރު ގައުމުތަަކަށް ގޮސް، ބޭސްކޮށް އަމިއްލަ ޖީބުން ފައިސާ ދެއްކުމަށްފަހު ބިލްތައް މަޖިލީހަށް ހުށަހަޅައިގެން އެ ފައިސާ ދީފި ނަމަ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

"އަގު ބޮޑެތި ގައުމުތަކަށް ދަތުރުކުރާ ވާހަކަތައް އޮތްއިރު، އާއްމު ބަލިތަކަށް ޓިކެޓް ދެނީކީނޫން، ހުރުން ދެނީކީނޫން، ނިދުން، ކެއުން، ބުއިމެއް ދެނީކީނޫން، އެތަނަކަށް ދެވޭ މީހަކު ގޮސް އޭނާގެ އަމިއްލަ އަތުން އެ ހޮސްޕިޓަލަކަށް ފައިސާ ދައްކައިގެން ބިލްތަކެއް ގެނެސްގެން މަޖިލީހަށް ހުށަހަޅައިގެން އެއްޗެއް ދިނިއްޔާ މި ލިބެނީ މިހެން އޮތް ނިޒާމެއް މީ،" ފަލާހު ވިދާޅުވިއެވެ.

އެހެންކަމުން ފަލާހު ވިދާޅުވީ މި ޕެޓިޝަނަކީ މާ ބޮޑު ކަމަކަށް ހަދައިގެން ރައްޔިތުންނާއި މަޖިލިސް މެންބަރުންނާ ދޭތެރެ ފިތުނަ އުފައްދަން ލާފައިވާ ޕެޓިޝަނެއް ކަމަށެވެ.