އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި ލީޑްސް ބަލިކުރި އިރު، ލިވަޕޫލުން ވެސްޓް ހެމް ކައިރިން ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.

ރޭ ސިޓީން ރަށުން ބޭރުގައި ލީޑްސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސިޓީން ވަނީ އެއްވަނައިގައި އޮތް އާސެނަލާ ދެ ޕޮއިންޓް ގާތަށް ޖެހިލައިފައެވެ. އެއީ 28 މެޗުން 59 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް އާސެނަލަށް 28 މެޗުން ލިބިފައި ވަނީ 61 ޕޮއިންޓެވެ.

ސީޒަނުގެ ބޮޑުބައެއްގައި އާސެނަލުން ތާވަލު ލީޑުކުރަމުން އަންނަ އިރު، އެޓީމުން ލީގަށް ފުރުސަތު ބޮޑުކުރުމަށް މިހަފުތާ ކުޅޭ މެޗު މުހިއްމެވެ. އާސެނަލުން މިރޭ ޗެލްސީއާ ދެކޮޅަށް ނުކުންނާނެއެވެ.

މެޗަށް ސިޓީން ނުކުތީ އާލިން ހާލަންޑާ ނުލައެވެ. އެއީ ފަރިތަކުރުންތަކުގައި ލިބުނު ކުޑަ އަނިޔާއެއްގެ ސަބަބުންނެވެ. އޭނާ ނެތުމަކީ މުހިއްމު މެޗަކަށް ނުކުތްއިރު ސިޓީއަށް ކުރިމަތިވި އުނދަގޫ ކަމެކެވެ.

ފުރަތަމަ ހާފުގައި ލީޑްސްއިން ނުރައްކާ ބޮޑުކުރި އިރު، ޑޮމިނިކް ކަލްވާޓް-ލެވިންއާއި ބްރެންޑއން އާރޮންސަން އަށް ލިބުނު ހުސް ދެ ފުރުސަތު ބޭކާރުވެގެން ދިޔައެވެ. އޭގެ އިތުރުން ސިޓީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ވަނީ މުހިއްމު ސޭވެއްވެސް ކޮށްފައެވެ.

އަނެއްކޮޅުން ސިޓީގެ މާކް ގޭއީއާއި ރަޔަން އައިތު ނޫރީގެ ހަމަލާތައް ފެނުނި އިރު، ހާފު ނިމެން ދަނިކޮށް ސިޓީން ލީޑު ނެގިއެވެ. ގޯލަށް ފުރުސަތު ތަވަސްކޮށްދިނީ އައިތު ނޫރީއެވެ. އޭނާގެ ޕާސް ނިންމާލީ އެންޓޮއިން ސެމެންޔޯއެވެ.

ދެވަނަ ހާފުގެ ބޮޑު ބައެއްގައި ލީޑްސްއިން ޕްރެޝަރު ބޮޑުކުރި ނަމަވެސް، ސިޓީން ހިފަހައްޓާލިއެވެ.

ލިވަޕޫލުން ވެސްޓް ހެމްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ ހޫގޯ އެކިޓީކޭއާއި ވާޖިލް ވެން ޑައިކް، އެލެކްސިސް މެކް އަލިސްޓާ، ކޯޑީ ގަކްޕޯ ގޯލްތައް ޖެހި އިރު، އެކްސެލް ޑިސާސީ އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ. ވެސްޓް ހެމްގެ ގޯލްތައް ޖެހީ ތޯމަސް ސޯޗެކާއި ވެލްންޓިން ކަސްޓެލާނޯސްއެވެ.