މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިތުރު އެއާލައިންތައް ރާއްޖެ ގެނައުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މަޝްރަހަށް އަންނަމުންދާ ބަދަލުތަކާއި މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގުތިސާދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއްކަމުން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި ކަމާ ގުޅޭ އަދި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

އެގޮތުން މި ހާލަތުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށްޓައި ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން އެ ވުޒާރާއިން ދަނީ އެ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ އިސް އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ، މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ޝެޑިއުލްތަކަށް މިހާތަނަށް ބަދަލުތަކެއް އައި ނަމަވެސް އެހެނިހެން އެއާލައިންތަކުގެ ދަތުރުތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.

ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުހަބާ ކިޔާ ގައުމެއް ކަމަށާއި، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީ މިންގަޑުތައް ދެމެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންދޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.