އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބަކަށް ވާން ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ހުޅުވާލައިފި އެވެ.

އީސީން މިއަދު ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު މިއަދުން ފެށިގެން، އަންނަ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ވޯޓުނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބޭނެއެވެ.

މި އިންތިހާބުގައި ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ކޮމިޝަނަށް ހުށަހަޅާނީ، ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކެންޑިޑޭޓުންނެވެ. އެގޮތުން މަންދޫބުންގެ މައުލޫމާތު މައި ޕޯޓަލްއަށް ހުށަހެޅުމުން، މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ކަނޑައެޅި ފަރާތުން އިގުރާރު ވާނީ އެމީހެއްގެ ވެރިފައިޑް އީފާސް މެދުވެރިކޮށް މައި ޕޯޓަލްގެ ތެރެއިންނެވެ.

ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ސަމާލުކަން ދޭންވާނެކަމަށް އީސީން ބުނެއެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް އީސީން ބާއްވާ މައުލޫމާތު ސެޝަނުގައި ބައިވެރިވުމަކީ މުހިންމުކަމެއް ކަމަށްވެސް އީސީން ބުންޏެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، އަންނަ އެޕްރިލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.