އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޮޑު ލަޝްކަރަކާއި ވައިގެ ސިފައިންގެ ބޮޑު ލަޝްކަރެއް އީރާނުގެ ކައިރިއަށް ޖަމާކޮށްގެން ހަނގުރާމައިގެ ބެރުޖަހަން ރައީސް ޓްރަމްޕު ފެއްޓެވި ދުވަހުން ފެށިގެން ވަރަށް ސާފު ބަހުން އީރާނުގެ އެކި ފަންތީގެ ވެރިން ވިދާޅުވަމުން ގެންދެވި ވާހަކަފުޅެއް އޮވެއެވެ. އެމެރިކާއިން އިސްވެ އީރާނަށް ހަމަލަދީފިނަމަ އެ ހަނގުރާމައެއް އީރާނުގެ ސަރަހައްދީ އިމުގެ ތެރޭގައި ހިފެހެއްޓިފައެއް ނޯންނާނެއެވެ. އެ ހަނގުރާމައެއް ވާނީ މުޅި މެދުއިރުމަތީގައި ކުރެވޭ ހަނގުރާމައަކަށެވެ. އީރާނުގެ ވަށަވަށައިގެންވާ ގައުމުތަކުގައި އެހެރީ އެމެރިކާ ސިފައިންގެ މަރުކަޒުތަކެވެ. އެއިން ކޮންމެ މަރުކަޒަކީ އީރާނުގެ ރައްދު ހަމަލައިގެ އަމާޒެކެވެ. އެތަންތަނަށް ހަމަލަ ދޭނަމެވެ. މި ހަނގުރާމައިގެ ތެރެއަށް އިޒްރޭލު ވަނަސް ނުވަނަސް އިޒްރޭލަށްވެސް ހަމަލަދޭނަމެވެ. އެހެނީ އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އެންމެހައި އުދުވާންތަކުގެ ފަހަތުގައި އޮންނަނީ އިޒްރޭލެވެ. އީރާނުގެ މި އިންޒާރާ އެއްގޮތަށް އެ ގައުމުން މިއަދު އަމަލުކޮށްފިއެވެ.
އެމެރިކާޔާއި އިޒްރޭލު ގުޅިގެން އީރާނަށް ވައިގެ ހަމަލާތަކެއް ދޭން ފެށުމުން އެކަމުގެ ރައްދު އީރާނުން ވަނީ ދީފައެވެ. ބަދަލު ހިފުމުގެ ގޮތުންނެވެ. މިގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީ އާއި އަބޫދާބީގައިވާ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އެއް ހަމަލައަށްވުރެ ގިނަ ހަމަލަ ވަނީ ދީފައެވެ. ގަތަރުގެ ދޯހާޔާއި ބަހުރޭނުގެ މަނާމާޔާއި ކުވޭތާއި ޖޯޑަންގައި އެމެރިކާ ސިފައިން ގާއިމުކޮށްފައިވާ މަރުކަޒުތަކަށްވެސް އީރާނުން ވަނީ ހަމަލަދީފައެވެ. އަދި އިޒްރޭލުގެ ތެރޭގައިވާ އެކި އަމާޒުތަކަށްވެސް ވަރަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. އެޔާއެކު މުޅި މެދުއިރުމަތީގައި އެއޮތީ ހަނގުރާމައިގެ ހުޅުގަޑު ފަޅައިގެން ގޮސްފައެވެ. މިއީ އަދި ދުވަހަކުވެސް ފެނިފައިނުވާ ސްކޭލެއްގެ ހަނގުރާމައެކެވެ. ސައޫދީ އަރަބިޔާގެ ރިޔާޒުގެ ރަށްބޭރުގައިވާ އެމެރިކާގެ މަރުކަޒަކަށްވެސް ހަމަލައެއް ފޮނުވައިލި ކަމުގެ އަޑުތައް ފެތުރުނެވެ. ފަހުން އެއީ ނުހިނގާ ކަމެއްކަމުގައި އޮތީ ވެފައެވެ. ކޮންމެއަކަސް މިއިން ކޮންމެ ގައުމަކުންވެސް ބުނެފައިވަނީ އެއް ވާހަކައެކެވެ.
އީރާނުގެ ހަމަލާތައް ކުށްވެރި ކުރަމޭ ބުންޏެވެ. ރައްދުގައި އީރާނަށް ހަމަލަދީ ބަދަލު ހިފުމަކީ އަހަރެމެންގެ ހައްގެކޭވެސް ބުންޏެވެ. އެކަން ކުރަން ޖެހުނީމާ ލަސްކުރުމެއް ފަސްޖެހުމެއް ނޯންނާނެކަންވެސް ހަނދާންކޮށްދިނެވެ. މި ހިސާބުން އުފެދޭ ސުވާލަކީ މިއިން ކޮންމެ ގައުމަކުން އެމެރިކާއާ އެއްބައިވެ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރަން ފަށައިފާނެ ހެއްޔެވެ. ދެންވާނީ ކިހިނަކުން ހެއްޔެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތައް މެދުއިރުމަތީގައި ގާއިމު ކުރެވިފައިވާ ހަމަ ކޮންމެ ގައުމަކީ ސުންނީ ގައުމެކެވެ. ސައޫދީ އަރަބިޔާ އާއި ކުވޭތެވެ. ގަތަރާއި އެމިރޭޓްސް އެވެ. ޖޯޑަނާއި ބަހުރައިނެވެ. މި އެންމެން ވެގެން ޝީއީ އީރާނާ ދިމާކޮށްލީމާ މި ހަނގުރާމައިގައި މަޒުހަބީ ކުލަޖެހިގެން ނުދާނޭ ބާވައެވެ. އެ ކުލަ ޖެހުމުގެ ފުރުސަތުވެސް އެބައޮތެވެ. މުޅި މެދުއިރުމަތި ހަނގުރާމައިގެ މައިދާނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. އެ ފުރުސަތު އޮތީ ގޯހުން ގޯހަށް ކަންކަން ފުރޮޅިގެންދާން ދޫކޮށްލެވިއްޖެނަމަ އެވެ.
އީރާނުގެ އަވަށްޓެރި ގައުމުތަކުގެ ތެރޭގައި އެމެރިކާގެ ސިފައިންގެ މަރުކަޒެއް ނެތް ގައުމެއް ނެތެވެ. އެކަމަކު އީރާނުގެ ރައްދު އެ ހުރިހާ ގައުމަކަށް އަމާޒެއް ނުވެއެވެ. މީގެ މިސާލަކީ ސައޫދީ އަރަބިޔާއާއި ތުރުކީއެވެ. އެއިން ތަނަކަށް ހަމަލައެއް ނުފޮނުވައެވެ. މިކަމުން އެނގެނީ އާރާއިބާރު ހުރި ވަރުގަދަ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވައްދަން އީރާނުވެސް ބޭނުން ނުވާކަމެވެ. އެކަމަކު ގަލްފުގެ ދެންހުރި ގައުމުތަކުގައިވާ އެމެރިކާގެ ތަންތަނަށް އީރާނުން ފޮނުވައިލީ އެންމެ ހަމަލައެއް ނޫނެވެ. ބައިވަރު ހަމަލާތަކެވެ. އަދިވެސް ދަނީ ފޮނުވަމުންނެވެ. މިއިން ކޮންމެ ގައުމަކީ ސައޫދީންނާއި ތުރުކީއާއި ޕާކިސްތާނު އަދި މިސްރުގެ ހިމާޔަތް ލިބިގެންވާ ގައުމެކެވެ. އެހެންވީމާ ބޮޑު ކޯލިޝަނެއްގެ ގޮތުގައި މި އެންމެން އީރާނާ ދެކޮޅަށް ތެދުވާތަން އަތުވެދާނެއެވެ. އެ އެންމެންނަށްވެސް ފެންނަނީ އަދި ފެންނާނީ އީރާނުގެ ހަމަލާތަކެވެ. އެމެރިކާޔާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަމަލާތަކެއް ނުފެނެއެވެ.
އެމެރިކާޔާއި އިޒްރޭލު ކުށްވެރި ކުރާތީއެއްވެސް ނުފެނެއެވެ. އެކަމެއް ނުކުރެއެވެ. އެހެންވީމާ މިހާރުވެސް އެއޮތީ އިސްލާމީ ދުނިޔެ ދެބައިވެފައެވެ. ހަނގުރާމައިގެ ހުޅުގަނޑު މިއަދު ފަޅައިގެންދިޔައިރު ދެފަރާތުގެ ބަޔާންތަކަށް ވިސްނައިލީމާ ގަބޫލު ކުރެވެނީ ދިގު ހަނގުރާމަޔަކަށް ތައްޔާރުވެގެން ތިބި ކަމެވެ. އީރާނުގެ ސަރުކާރުން ވަނީ ވެރިރަށް ތެހެރާން ދޫކޮށް ފޭބެން ތިބި ބަޔަކު އެކަން ކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތަށް ފައިބާ މީހުންނަށް އީރާނުގެ ސިފައިން ދަނީ އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ. އަނެއްކޮޅުން މުޅި އިޒްރޭލުގައި އެއޮތީ އިމަޖެންސީ ހިންގައިފައެވެ. މުއްދަތެއް ނެތް ގޮތަކަށެވެ. އީރާނުގެ މަދަނީ އެކި ތަންތަނަށް ހަމަލަދީ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ފަނާކޮށްފައިވާތީ ވޭންދެނިވި ގޮތަކަށް ބަދަލު ހިފާނޭ ކަމުގެ އިންޒާރު ތެހެރާނުން ވަނީ ދީފައެވެ. އެކަމަކު އެމެރިކާގެ މަނަވަރަކަށް ހަމަލައެއް އަމާޒުކުރި ވާހަކައެއް އަދި ނީވެއެވެ. ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ވާހަކައެެއްވެސް އަދި ނީވެއެވެ. އެކަމަކު މިއީވެސް ދެން މާދުރުގައި ހުރި ކަންތަކެއް ކަމަށް ނުބެލެވެއެވެ.
މިއަދު އެ ފެށީ ހުރިހައި ގޮތަކުން މީގެކުރީގެ ހަނގުރާމަތަކާ ތަފާތު ހަނގުރާމައެކެވެ. ބިރުވެރިކަން މާބޮޑު ހަނގުރާމައެކެވެ. އެހެންވީމާ ދެން މިވެނި އެވެނި ގޮތަކަަށް ވެދާނޭކަމަށް ލަފާކުރަންވެސް ފަސޭހައެއް ނޫނެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަހު އެމެރިކާޔާއި އިޒްރޭލުން ވަނީ އީރާނުގެ ރޫހީ ލީޑަރާއި ރައީސް އުޅުއްވާ ތަންތަނަށް ހަމަލަދީފައެވެ. އެކަމަކު އެބޭފުޅުން އަދި ތިއްބެވީ ގަދަވެ ސަލާމަތުން ކަމަށް ބެލެވެއެވެ. މީގެ ތެރެއިން ރައީސް ޕަޒިޝްކިޔާނު ސަލާމަތުން ހުންނެވިކަން އީރާނުގެ ރަސްމީ ފަރާތްތަކުން ވަނީ ކަށަވަރުވެސް ކޮށްދީފައެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަސް ނިމެންދާއިރު ދުނިޔެ އޮތީ ދެބައިވެފައެވެ. ޗައިނާޔާއި ރަޝިޔާއިން ވަނީ އެމެރިކާޔާއި އިޒްރޭލު ކުށްވެރިކޮށްފައެވެ.
އިނގިރޭސިވިލާތާއި ޔޫރަޕުގެ ގިނަ ގައުމުތަކުން ކުށްވެރި ކުރީ އީރާނެވެ. ހަގީގަތަށް ބެލުމެއް ނެތިއެވެ. ގަލްފުގެ އަރަބީންގެ ތެރެއިން އެމެެރިކާއަށް އިނގިލި އަމާޒުކޮށްފައި ރައްކާވެގެންދާށޭ މިއީ ކަލޭމެން ކުރަންޖެހޭ ހަނގުރާމައެއް ނޫނޭ ބުނަން ކެރުނު ހަމައެކަނި ގައުމަކީ އޮމާނެވެ. އޮމާނުން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި އެއްވުމަކަށްވެސް ގޮވާލައިފައެވެ. އެމެރިކާގެ ތެރޭގައިވެސް ހަނގުރާމަޔާ ދެކޮޅު އަޑު ވަރަށް ގަދައެވެ. ޓްރަމްޕުގެ ޣައިރުގާނޫނީ ހަނގުރާމައެކޭ ބުނާ މީހުން ވަރަށްވެސް ގިނައެވެ.
އިމާދު ލަތީފު
ހަނގުރާމަ
ހަނގުރާމަ
ހަނގުރާމަ
ހަނގުރާމަ
ކޮމެންޓް