އެމެރިކާގެ ސިފައިން މަރާލާ ނުވަތަ އަތުލައިގަންނަ ކޮންމެ މީހަކަށް 30،000 ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރު އަމީރު ހާތަމީ އިއުލާނުކުރައްވައިފިއެވެ.

އީރާނުގެ ދައުލަތުގެ ނޫސް އޭޖެންސީ (އިރްނާ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހާތަމީ ވަނީ މިކަން ރަސްމީކޮށް އިއުލާންކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާގެ ސިފައިންނާ ދެކޮޅަށް މި އަމަލު ހިންގާ މީހަކީ އަންހެނެއް ނަމަ، ދޭ އިނާމު ދެގުނަ ވާނެއެވެ. އީރާނުގެ ފައިސާއިން ނަމަ މިއީ 5 ބިލިއަން ތޫމާނެވެ.

ހާތަމީ ވިދާޅުވި ގޮތުގައި، މި އިނާމު ދިނުމުގެ ޕްލޭން އެކުލަވައިލީ މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވުމަށް އެދި ގިނަ ބަޔަކު ހުށަހަޅަމުންދާތީއެވެ. ނަމަވެސް، އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާދޭންވީ ވަކި ތަނެއް ނުވަތަ ވަގުތެއް ހާތަމީ ވިދާޅުވެފައެއް ނުވެއެވެ. މީގެ އިތުރުން، ފާރިސީ ކަނޑުއޮޅިއާއި އޮމާން ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދެން އެމެރިކާއަށް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމައިގެ ތެރޭގައި، އީރާނުގެ ބިމުގައި އެމެރިކާގެ އެއްގަމު ސިފައިން ހަރަކާތްތެރިވަމުންދާ ކަމެއް އީރާނުން މިހާތަނަށް ފާހަގަކޮށްފައެއް ނުވެއެވެ. މީގެ އިސްތިސްނާއަކީ، މިދިޔަ އޭޕްރީލް މަހު ވެއްޓުނު އެމެރިކާގެ ޕައިލެޓަކު ސަލާމަތްކުރުމަށް އެމެރިކާއިން ހިންގި އޮޕަރޭޝަނެއް އެކަންޏެވެ.