ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ ނަޖްރާން އެއާޕޯޓަށާއި އަރަމްކޯގެ މަރުކަޒަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫތީން ބުނެފިއެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ޓެލެގްރާމްގައި އާންމުކުރި ބަޔާނެއްގައި ބުނި ގޮތުގައި، އެ ޖަމާއަތުން ވަނީ ޑްރޯން ބޭނުންކޮށްގެން ދެ ހަމަލާއެއް ދީފައެވެ. އޭގެ ތެރެއިން ފުރަތަމަ ހަމަލާ އަމާޒުކުރީ ނަޖްރާން އެއާޕޯޓުގައިވާ ސައުދީގެ މުހިންމު ތަނަކަށެވެ. ދެވަނަ ހަމަލާ އަމާޒުކުރީ ނަޖްރާންގައި ހުންނަ ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި، އަރަމްކޯގެ މަރުކަޒަކަށެވެ.

މި ހަމަލާތައް ދިނީ ޔަމަނުގެ އުތުރުގައި އޮންނަ ސައާދާ ޕްރޮވިންސަށް ސައުދީގެ ޑްރޯންތަކުން ވަދެފައިވާތީ، އޭގެ ބަދަލުހިފުމުގެ ގޮތުން ކަމަށް ހޫތީން ބުނެފައިވެއެވެ. ނަމަވެސް، މި ހަމަލާތަކާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނު ކަމެއް ހޫތީން ބުނެފައެއް ނުވެއެވެ.

ޝިންހުއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް ދީފައިވަނީ ހޫތީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް މައްސަލަތައް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ސައުދީން ހުރަސްއަޅާ ކަމަށް ބުނެ، ޖުލައި 20 ވަނަ ދުވަހު ހޫތީން ވަނީ ސައުދީގެ އުޅަނދުތަކަށް ކަނޑުމަގުން ދަތުރުކުރުން މަނާކޮށްފައެވެ. އޭގެ ފަހުން ސައުދީގެ ތެޔޮ އުފުލާ ބޯޓުތަކަށާއި، ހަކަތަ އުފައްދާ މަރުކަޒުތަކުގެ އިތުރުން އެއާޕޯޓުތަކަށް ހަމަލާދީފައިވާ ކަމަށް ހޫތީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޫތީން ސައުދީއަށް ދޭ ހަމަލާތައް އިތުރުކުރަމުންދާއިރު، އެކަން ހުއްޓުވުމުގެ ގާބިލުކަން ސައުދީގެ ކިބައިގައި ނެތް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

މި ހަމަލާތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާގެ ރަސްމީ ފަރާތްތަކުންނާއި އަރަމްކޯ ކުންފުނިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.