ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުމުގައި، ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުންތައް ސަސްޕެންޑު ކުރުމަށް މޮރިޝަސް ސަރުކާރުން މިއަދު ނިންމައިފިއެވެ.

މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ގައުމުގެ ކެބިނެޓުން އެގޮތަށް ނިންމަން ޖެހުނީ ޗާގޯސް ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން މިހާރު ދެކޮޅު ހަދާތީ ކަމަށެވެ.

ޗާގޯސްގެ މައްސަލައިގައި އިނގިރޭސި ސަރުކާރާއެކު އެކުލަވައިލަން މަސައްކަތްކުރާ އެއްބަސްވުމަށް ރާއްޖޭން އިއުތިރާޒު ކުރަމުންދާ ކަމަށްވެސް މޮރިޝަސް ސަރުކާރުން ބުންޏެވެ.

ރާއްޖެއާއެކު އޮންނަ ހާރިޖީ ގުޅުން މޮރިޝަސްއިން ސަސްޕެންޑްކުރި އިރު، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިއުތިރާޒުކޮށް، އެކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވައިފައެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވަނީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ވިލާތުން ނިންމި ނިންމުމަށް ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް، 8 ނޮވެމްބަރު 2024 އަދި 18 ޖެނުއަރީ 2026 ގައި އިނގިރޭސި ސަރުކާރަށް ލިޔުމުން ހުށަހަޅާފައިވާ ކަމަށެވެ.

އަދި 15 ޑިސެމްބަރު 2025 ގައި އިނގިރޭސި ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއާ އެކު ބޭއްވި މަޝްވަރާތަކުގައިވެސް އެކަން ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރަސްމީކޮށް އަނބުރާ ގެނެސްފައިވާކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަކީ ކުރިން ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި ކަނޑައަޅާފައިވާ ސަރަހައްދު ކަމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައިވާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.