ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 25.9 މިލިއަން ރުފިޔާގެ ތެރެއިން، ޖޫރިމަނާގެ ބައި އެއްކޮށް މާފުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގޮލޮޅު ރައްޔިތުންނާއެކު ބޭއްްވި ބައްދަލުވުމުގައި އެތަނުގައި ދިރިއުޅޭ ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، ރައީސް ވަނީ ޖޫރިމަނާތައް މާފުކޮށްދެއްވައި އެ ފަރާތްތަކަށް އިނާޔަތެއް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިއަދު ބޭއްވި ކައުންސިލްގެ ޖަލްސާގައި ކައުންސިލުގެ ފައިނޭންސް ކޮންޓްރޯލަރު އަހުމަދު އިމާދު ވިދާޅުވީ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެކަން ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލުން ރަސްމީކޮށް އެކަން ފާސްކުރުން މުހިންމު ކަމަށެވެ.

މީގެ ކުރިން ރައީސް މުއިއްޒު މާލޭ މޭޔަރު ކަމުގައި ހުންނެވިއިރު އެ ފްލެޓުތަކުގެ ޖޫރިމަނާ މާފުކުރުމަށް ކައުންސިލުން ނިންމާފައިވެއެވެ.

އަހުމަދު އިމާދު ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް ކުއްޔާއި، މެއިންޓެނެންސް އަދި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 25.9 މިލިއަން ރުފިޔާ، ސިނަމާލެއާއި މާލެ ހިޔާއިން ނުލިބި އެބައޮތް ކަމަށެވެ. އޭގެ ތެރެއިން 86 ޕަސަންޓަކީ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ކައުންސިލުން ވަނީ 860,445 ރުފިޔާގެ ޖޫރިމަނާ މާފުކޮށްދީފައި ކަމަށެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކީ ސިނަމާލެއާއި މާލެހިޔާ ފްލެޓްތައް ތަޅާލައި، އެ ބިމުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ހިންގުމެވެ. އެ މަޝްރޫއުގެ ދަށުން މިހާރު އެތަނުގައި ތިބި މީހުންނަށް އާ އިމާރާތުން ހިލޭ ފްލެޓް ދިނުމަށް ވަނީ ނިންމައިފައެވެ. މިއީ އެމަނިކުފާނު މޭޔަރު ކަމުގައި ހުންނެވިއިރުވެސް ކައުންސިލުން ފާސްކޮށްފައިވާ ތަސައްވުރެކެވެ.