އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ އިންތިހާބުގައި މާލޭ ސަރަހައްދުގައި ވޯޓުލުމަށް 190 އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައިވަނީ މާލޭ ސަރަހައްދުގައި ވޯޓުލާ މަރުކަޒުތައް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފަ އެވެ. އެގޮތުން ޖުމްލަ 193 މަރުކަޒު ގާއިމްކުރަން ބޭނުންވާ ކަމަށް އެ އިއުލާނުގައިވަނީ ބުނެފަ އެވެ. އެއީ:
- މާލޭގައި 132 މަރުކަޒު
- ހުޅުމާލެ ފޭސް 1 ގައި 34 މަރުކަޒު
- ހުޅުމާލެ ފޭސް 2 ގައި 18 މަރުކަޒު
- ވިލިމާލޭގައި 9 މަރުކަޒު
އިލެކްޝަން ކޮމިޝަނުންވަނީ ވޯޓުލާ މަރުކަޒުތައް ގާއިމްކުރުމަށް މާލޭގެ ތިން ތަނެއްގައި ޓެންޓު ޖަހައިދޭނެ ބަޔަކު ހޯދަންވެސް އިއުލާނުކޮށްފަ އެވެ. އެއީ:
- މާފަންނު ސްޓޭޑިއަމްގެ ވޮލީ ކޯޓު
- ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ ހޯލު
- ހެންވޭރު ދަނޑު
މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294،937 މީހަކަށް ލިބިފައިވެ އެވެ.
އާއިޝަތު މާހާ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން