މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރި މީހަކު 75 އަހަރަށް ޖަލަށްލުމާ އެކު ތިން ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލަތަކުގައި ހުކުމް ކުރީ ފުވައްމުލަކު ދޫޑިގަން ގަސްދޮށުގެ، އަބްދުލްބާސިތު (28އ) ގެ މައްޗަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި، އެތަކެތީގެ ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑާ ކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނެއްގައެވެ.

އަބްދުލްބާސިތު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު އެ ގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

އަބްދުލްބާސިތުގެ ނަމުގައި ބެންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތަކުން ތިން މިލިއަނަށް ވުރެން ގިނަ ރުފިޔާ އާއި 19،000 ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތް ކޮށްފައިވެއެވެ.

އެ މުއާމަލާތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މަނީ ލޯންޑަރިން ކުށުގެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި، 75 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެ އެވެ. އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކޮށް 78 މައްސަލަ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވެއެވެ.