ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ތުރުކީވިލާތުގައި ބޭއްވި އަންޓާލިއާ ލީޑަރުންގެ ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތު ބޭއްވީ ތުރުކީވިލާތުގެ އަންޓާލިއާގައެވެ. ރައީސްގެ ދެކަނބަލުން މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވީ، އިއްޔެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މޫސުމީ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 31 ވަނަ މަހާސިންތާ (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
ސަމިޓް ފެށުމުގެ ރަސްމިއްޔާތަށްފަހު، ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ރަސްމީ ފޮޓޯފުޅުގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ތުރުކީވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެސް ވާހަކަފުޅުދެއްކެވިއެވެ.
"ދެމެހެއްޓެނިވި، އަދި ހަމަހަމަ މުސްތަގުބަލަކަށް" މި ޝިއާރުގެ ދަށުން ބޭއްވި މި ސަމިޓަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް މުޅި ދުނިޔެ ގުޅިގެން ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ބޭއްވި ސަމިޓެކެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ދާއިރާތަކުގެ ތެރޭގައި ސާފު ހަކަތައަށް ބަދަލުވުމާއި، މޫސުމީ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް