މިއަހަރު ވޯލްޑް ކަޕް ބާއްވަން ތައްޔާރުވަމުންދާ މެކްސިކޯ، ހަލިސްކޯގެ ވެރިރަށް ގުއަޑަލަހާރާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިއަށް އޮތް ވޯލްޑް ކަޕަށް އަސަރެއް ކޮށްދާނެތޯ ދަނީ ބަލަމުން ކަމަށް ފީފާއިން ބުނެފިއެވެ.

ގުއަޑަލަހާރާގެ އިތުރުން މެކްސިކޯގެ އެހެން ބައެއް ބޮޑެތި ސިޓީތަކުގައިވެސް ވަނީ ހަމަނުޖެހުންތައް ފަށައިފައެވެ. އެއީ އެގައުމުގެ އެންމެ ބޮޑު އެއް ކާޓެލް ކަމަށްވާ ހަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލްގެ ލީޑަރު، ނެމެސިއޯ އޮސެގޭރާ (އެލް މެންޗޯ) މަރާލުމާ ގުޅިގެންނެވެ.

މެކްސިކޯ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ނެމެސިއޯ މަރުވީ ސިފައިންގެ ހައްޔަރަށް ގެންގޮސްފައި ވަނިކޮށެވެ. އެއީ ހައްޔަރުކުރުމުގައި ބަދަލުކުރި ހަމަލާތަކުގައި ލިބުނު އަނިޔާގެ ސަބަބުން ކަމަށް ނޫސްތައް ބުނެއެވެ.

އެ ހާލަތާއެކު ވޯލްޑް ކަޕަށް ދާ ސަޕޯޓަރުންނަށް މެކްސިކޯގައި ސަލާމަތީ ކަންކަން ޔަގީން ކޮށްދެވޭނެ ކަމާމެދު އޮތީ ސުވާލުތަކެއް އުފެދިފައެވެ. ޖޫން މަހު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ވޯލްޑް ކަޕް ފަށަން ތައްޔާރުވެފައިވާ އިރު، މެޗުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށްވެސް ވިސްނަން ޖެހިއްޖެނަމަ، އެކަމަށް ވިސްނާނެ ކަމަށް ފީފާއާ ހަވާލާ ދީ ނޫސްތައް ބުނެއެވެ.

މެކްސިކޯގެ ހަމަނުޖެހުންތަކާއެކު އެގައުމުގެ ލީގުވެސް ވަނީ މެދުކަނޑާލައިފައެވެ. އެއީ ސަލާމަތީ ކަންކަން ޔަގީން ނުކުރެވޭތީއެވެ. ފީފާއިން ބުނީ މެކްސިކޯ ފުޓުބޯޅަ ހުއްޓިފައި އޮތުމާއެކު، ކުރިއަށް އޮތް ވޯލްޑް ކަޕުގެ މެޗުތައް އެގައުމުގައި ބޭއްވޭނެތޯ މިހާރު ދަނީ ދިރާސާކޮށް ބަލަމުން ކަމަށެވެ.

ފީފާއިން އެހެން ބުނެފައި ވަނީ މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވަނީ އެގައުމު ސަޕޯޓަރުންނަށް ރައްކާތެރިވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. މެކްސިކޯ ރައީސް ވިދާޅުވީ އެގައުމަށް ވޯލްޑް ކަޕަށް ދާ ހުރިހާ އެންމެންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި، ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވެ، މިހާރު އާއްމު ހާލަތަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

މެކްސިކޯގެ މައްސަލައިގައި ފީފާ ރައީސް ޖިއާނީ އިންފަންޓީނޯ ނުރަސްމީކޮށް ބައެއް މީޑީއާތަކަށް ވިދާޅުވީ، އޭނާ ހުންނެވީ ހަމަޖެހިގެން ކަމަށެވެ.