ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފައިނަލުން ޖާގަ ހޯދައިފިއެވެ.

ރޭގެ މެޗުގައި މާޒިޔާއިން ފުރަތަމަ ދެ ގޯލް ޖަހައި ލީޑުގައި އޮތް ނަމަވެސް، ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް، ނިއުއިން ވަނީ މެޗު ޕެނަލްޓީއަށް ގެންގޮސްފައެވެ. އެ ނަތީޖާއާއެކު ޕެނަލްޓީ ޖަހަން ޖެހުމާއެކު ޕެނަލްޓީގައި މާޒިޔާ މޮޅުވީ 6-5 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަކީ ނިއުއާއި މާޒިޔާއިން 10 އަހަރެއްހާ ދުވަސް ފަހުން ޕްރެޒިޑެންޓްސް ކަޕްގައި ކުރިމަތިލި ފުރަތަމަ މެޗެވެ. ރޭގެ މެޗަށް ނުކުތުމުގެ ކުރިން އެ ދެޓީމުން އެންމެފަހުން ޕްރެސިޑެންޓްސް ކަޕްގައި ކުޅެފައި ވަނީ 2015 ވަނަ އަހަރުއެވެ. އެއީ އެއަހަރު ފައިނަލް ގައެވެ. އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މިހާރު ނިއުގެ ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާއިން 3-1 އިން ނިއު ބަލިކޮށް ތަށި ހޯދިއެވެ.

މެޗު ފަށައިގެން މާޒިޔާއިން ލީޑު ނެގީ 27 ވަނަ މިނިޓުގައެވެ. އެއީ އަހުމަދު އައިހަމް (ފަތޯ) ޖަހައިދިން ގޯލެކެވެ. އަރިމަތިން ނާއިޒް ހަސަން (ދާދު) ޖައްސާލި ބޯޅަ، އޭރިއާ ތެރެއިން މުހައްމަދު އިލާން އިމްރާން ކޮންޓްރޯލް ކޮށްލާފައި ބައިދާލި ބޯޅަ އައުހަމް ވައްދާލީ ތިރީ ކަނަށެވެ.

ހާފު ނިމުމުގެ ކުރިން އައިހަމް ވަނީ މާޒިޔާގެ ދެވަނަ ގޯލްވެސް ޖަހައިގައެވެ. އެއީ ހަސަން ނާޒިމް (ޗޯޓު)ގެ ގޯލަކުންނެވެ.

ދެވަނަ ހާފަށް ނިއުއިން ނުކުތީ އަލީ ފާސިރު (ސެންޓޭ) އާއެކުގައެވެ. ހާފަށް ނުކުމެ އިރުކޮޅެއް ތެރޭގައި ގޯލް ޖެހި އިރު، 51 ވަނަ މިނެޓުގައި އެޓީމަށް އުންމީދު ހޯދައިދިނީ އަލްހާޖީ ގޭރޯއެވެ. އޭރިއާ ތެރެއިން ޑިފެންޑަރު ނައްޓާލުމަށްފަހު އޭނާ ބޯޅަ ވައްދާލީ ތިރީ ކަނަށެވެ.

އެ ގޯލާއިން ނިއުއިން އުންމީދު ހޯދި ތަނާ އަލީ އަޝްފާގް (ދަގަނޑޭ) ބަދަލަކަށް ނުކުތް ގޮތަށް، އޭނާ އިތުރު ގޯލެއް ޖަހައި މެޗު އެއްވަރުކުރުއެވެ.

އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ މަތީ ކަނަށް އަމާޒުކޮށްލި އިރު، ޕެނަލްޓީގައި ދަގަނޑޭއަށް ކާމިޔާބެއް ނުވިއެވެ. އޭގެ އިތުރުން ނިއުގެ ޔާޔާ ބިލިޓީ އަތުންވެސް ޕެނަލްޓީ ނާކާމިޔާމިޔާބުވި އިރު، މާޒިޔާގެ އިބްރާހީމް އައިސަމް އަތުންވެސް ޕެނަލްޓީއެއް ގެއްލުނެވެ. އެހެން ނަމަވެސް، ދެން ޖެހި ޕެނަލްޓީތައް އިތުބާރާއެކު ކާމިޔާބުކޮށް، މާޒިޔާއިން ފައިނަލް ޔަގީންކުރިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި، މާޒިޔާ އިން ކުޅޭނީ މިރޭ އޮންނަ ސެމީ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ. މިރޭ ސެމީގައި އޮޑި ސްޕޯޓްސް ކްލަބުން ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.