ޕްރެޒިޑެންޓްސް ކަޕްގެ ކާމިޔާބީއަކީ އަމިއްލަ ކެރިއަރަށްވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، އޮޑި ސްޕޯޓްސް ކްލަބަށް އެ ކާމިޔާބީ ހޯދުމުގައި ދައުރެއް އަދާކުރެވުނީތީ އުފާކުރާ ކަމަށް ކޯޗު އަންދްރޭ ގާސިއާ ބުނެފިއެވެ.
ޕްރެޒިޑެންޓްސް ކަޕަކީ ރާއްޖޭގެ އެންމެ ޒަމާންވީ އަދި އެންމެ ޝަރަފުވެރި މުބާރާތެވެ. 80 އަހަރުގެ ތާރީހެއް އޮތް މުބާރާތް އެންމެ ފުރަތަމަ ކުޅުނީ ގައުމީ ޗެމްޕިއަންޝިޕްގެ ނަމުގައެވެ. މިހާތަނަށް މުބާރާތް ކާމިޔާބު ކޮށްފައި ވަނީ އެންމެ އަށް ޓީމުންނެވެ. އެއީ ރޭ ތަށި ހޯދި އޮޑިވެސް ހިމެނޭހެންނެވެ. އޮޑިން އެ ޝަރަފު ހޯދީ 2023 ވަނަ އަހަރުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ.
މިއީ އޮޑިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުންދާ ފުރަތަމަ ސީޒަނަށެވެ. އެ ކްލަބުން ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ މަތީ ފަންތިއަށް ނުކުމެ ލީގުގެ ދެވަނަ ހޯދާފައިވާ އިރު، ކޯޗު ގާސިއާގެ މަސައްކަތް މިވީހާތަނަށް އައީ ފާހަގަކުރެވެމުންނެވެ. ސްޕެއިންގެ ޓެކްޓީޝަން ރޭގެ މެޗަށްފަހު ބުނީ ވާހަކަ ދައްކަންވެސް އުނދަގޫ ކަމަށެވެ.
"އަހަންނަށް ވާހަކަވެސް ދައްކަން އުނދަގޫ. އެއީ އަހަރެންގެ އިހުސާސްތައް ހުރި ގޮތުން. އަހަރެމެންނަށް މިއަދު ދަނޑުމަތީގައި މި ކުރެވުނު ރަނގަޅު ކަންތައްތަކުން މި ކްލަބުގެ ފުރަތަމަ ތަށި މި ހޯދުނީ. އަހަރެން ވަރަށް އުފާވޭ އެ ޝަރަފުގައި ބައިވެރިވެ، އެ ކަމަށް މަސައްކަތް ކުރުމުގައި އުޅެވުނީތީ. އަހަރެން ފުރަތަމަވެސް އާއިލާއަށް ޝުކުރުވެރިކަން. މަންމައާއި ދަރިއަށް، އަހަރެންގެ އާއިލާ އެހެން އެންމެންނާ ރައްޓެހިންނަށް. މިއީ އެންމެންނަށް ހައްގު ތަށްޓެއް" ގާސިއާ ބުންޏެވެ.
ގާސިއާ ބުނީ ޓީމާ ހަވާލުވި ދުވަހުން ފެށިގެންވެސް ގެންނަން ބޭނުންވި މެންޓާލިޓީ ފެނިއްޖެ ކަމަށާއި، މާޒިޔާ ބަލިކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ ކުދިކުދި ކަންކަމަށްވެސް ވިސްނައިގެން ކަމަށެވެ.
"އަހަރެން އެންމެ ފުރަތަމަވެސް ޓީމަށް ގެންނަން ބޭނުންވި މެންޓާލިޓީއަކީ މި ތަށިތަކަށް ވާދަކުރެވޭނެކަމުގެ މެންޓާލިޓީ. އަހަރެމެންގެ ކުޅުންތެރިންނާއެކު އެކަން މިކުރެވުނީ އަހަންނާއެކު ދެން ބެންޗުގައި މިތިބަ އެންމެންގެވެސް މަސައްކަތުން. މާޒިޔާ ބަލިކުރުމަށް އަހަރެމެން ދިޔައީ ގާތް ކުރަމުން. ލީގުގައި ކުޅުނު ދެމެޗުވެސް ދިޔައީ ވަރަށް ބޮޑަށް ގާތުން. އަހަރެމެން މިރޭގެ މެޗަށް ތައްޔާރުވީވެސް އެކަންކަމަށް ބަލައިގެން. އަހަރެމެންނަށް އެނގޭ ސަމާލުވާން ޖެހޭ ކުދިކުދި ކަންކަމަށް ސަމާލުވީމަ، މާޒިޔާ ބަލިކުރެވިދާނެކަން" އޭނާ ބުންޏެވެ.
ގާސިއާ ބުނީ އޮޑީގައި މަސައްކަތް ކުރި ކުޅުންތެރިންނަކީ އޭނާއަށް ދަރިންތަކެއް ކަހަލަ ގާތް ކުޅުންތެރިންތަކެއް ކަމަށާއި، އެ ކުޅުންތެރިންނާ ދޭތެރޭ މަދު ފަހަރަކު ހިތްހަމަ ނުޖެހުނު ނަމަވެސް، އެކުގައި މަސައްކަތް ކުރަން ލިބުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. ހާއްސަކޮށް ކުޅުންތެރިން ކުރި ބުރަ މަސައްކަތް އޭނާ ފާހަގަކުރިއެވެ.
އޮޑި ސްޕޯޓްސް ކްލަބު
އޮޑި ސްޕޯޓްސް ކްލަބު
އޮޑި ސްޕޯޓްސް ކްލަބު
އޮޑި ސްޕޯޓްސް ކްލަބު