ޓެކްސީ ޑްރައިވަރު ގާސިމް ހަސަން (59އ) މަރާލިކަން ސާބިތުވެ، މަރުގެ އަދަބު އިއްވާފައިވާ އަދުހަމް މުހައްމަދުގެ ފަރާތުން ގާސިމްގެ އާއިލާއަށް އެއްވެސް ގޮތަކުން ނުގުޅުމަށް ހައިކޯޓުން މިއަދު އަންގައިފިއެވެ.
އދ. މާމިގިލީ، ގާސިމް ހަސަން، ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވައި ފެނުނީ ހަތަރެއް ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ މަރާލާފައި އޮއްވައި ފެނުނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގައެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި ގާސިމަށް، އަދުހަމް ހަމަލާދިނީ އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ.
ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށްފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށެވެ. އަދި ހަމަލާދެވުނީ މަސްތުވެގެން ހުއްޓައި ކަމަށް ވެސް އަދުހަމް ބުނެފައިވެއެވެ.
އެ މައްސަލައިގައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި މަނާކުރުމުގެ ގާނޫނާ ހަވާލާދީ، 16 އޭޕްރީލް 2023 ވަނަ ދުވަހު އަދުހަމްގެ މައްޗަށް މަރުގެ ހުކުމްކުރީ، ގާސިމްގެ ވާރިސުންގެ ގޮތުގައި މިވަގުތު ތިބި ގާސިމްގެ ފަސް ދަރިން އަދުހަމްގެ ކިބައިން މަރަށް މަރު ހިފުމަށް އެދޭތީއެވެ. މަރުގެ ހުކުމްތަކުގައި ހުކުމްކުރި މީހާގެ ފަރާތުން އެ މައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފު ނުކޮށްފިނަމަ އެ ހުކުމް ކަށަވަރުކުރުމަށް ދައުލަތުން މަތީ ކޯޓުތަކަށް ހުށަހަޅަން ޖެހެއެވެ.
ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ އެގޮތުންނެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ފާހަގަކުރެއްވި ގޮތުގައި، އަދުހަމްގެ ވަކީލް ވަނީ ގާސިމްގެ އާއިލާއަށް ގުޅުމަށް މަސައްކަތްކޮށްފައެވެ. ދައުލަތުން ވިދާޅުވީ، ގާސިމްގެ ފަސް ވާރިސުން ވެސް ދައުލަތަށް މައުލޫމާތު ދީފައިވަނީ އަދުހަމާ ދައްކާނެ އިތުރު އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. އަދި އަދުހަމްއާ ގުޅުންހުރި އެއްވެސް ފަރާތަކުން އެ އާއިލާއަށް ނުގުޅުމަށް ވާރިސުން އެދިފައިވާ ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ދީބަނާޒު ފަހުމީ ވަނީ އަދުހަމަށް އިރުޝާދެއް ދެއްވައިފައެވެ.
"ތިޔަބޭފުޅުންގެ ފަރާތުން އެއްވެސް ގޮތަކަށް ގުޅުއްވައިގެން ނުވާނެ އިނގޭތޯ،" ފަނޑިޔާރު ދީބަނާޒް ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގައިވެސް އަދުހަމް ވަނީ ގާސިމް މަރާލިކަމަށް އިއުތިރާފުވާ ކަމަށް ބުނެފައެވެ.
ނަމަވެސް، ފަނޑިޔާރު ވިދާޅުވީ ހަމައެކަނި ކުށަށް އިއުތިރާފުވުމުން ނުފުދޭނެ ކަމަށާއި، ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓަން ދައުލަތުން ހުށަހަޅާފައިވާ ނުކުތާތަކަށް ވަކިވަކިން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
އެ ކަންކަމަށް ތައްޔާރުވުމަށް އަދުހަމްގެ ފަރާތުން ފުރުސަތަކަށް އެދުމުން، ޝަރީއަތުން ވަނީ އެ ފުރުސަތުދީ، އިތުރު އަޑުއެހުމެއް ބާއްވަން ނިންމައިފައެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު