ސަރުކާރާ ދެކޮޅު ކައުންސިލެއް އިންތިހާބުވެއްޖެ ނަމަ، އެފަދަ ކައުންސިލުތަކުން ވައުދުތައް ފުއްދުމަށް ސަރުކާރަށް ދަތިކުރާނެ ކަމަށް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ، ގަލޮޅު ދެކުނު ކެމްޕޭއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރާފިއު ވިދާޅުވީ އިންތިހާބުތަކުގައި ވޯޓުދީ ރައްޔިތުން، ބަޔަކު އިންތިހާބުކުރަނީ ވަކި ސިޔާސަތުތަކެއް ކަމުދާތީ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް، ރައްޔިތުންގެ ވޯޓުން، ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިހާބުކޮށްފައިވަނީ، އެ މަނިކުފާނުގެ ސިޔާސަތު ރައްޔިތުންނަށް ކަމުދާތީ ކަމަށެވެ.

ރައްޔިތުން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ވޯޓު ދެއްވީ އެ މަނިކުފާނު ވައުދުތައް ފުއްދައިދޭނެކަމުގެ ޔަގީންކަން އޮތުމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ދެން އެ މަނިކުފާނުގެ ސިޔާސަތަށާއި، ވައުދުތަކަށް، ހުރަސް އެޅޭގޮތަށް ކަންތައް ކުރުމަކީ ހަމަޖެހޭގޮތެއް ނޫންކަމަށް ރާފިއު ވިދާޅުވިއެވެ.

22 ފެބްރުއަރީ 2026، މާލެ، ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"އަޅުގަނޑުގެ ސުވާލަކީ އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ މުއައްސަސާތަކުން އަޅުގަނޑުމެންނަށް އެކަން ކުރުމަށް މަގުފަހި ނުވާގޮތަށް ކަންކަން ބައްޓަންކޮށްފިއްޔާ އޭރު އަޅުގަނޑުމެން ބޭނުންވި ކަންކަން ހާސިލުކުރެވޭނެތޯ؟ އެ ސުވާލު އަޅުގަނޑު މި ކުރީ. ހަމަ ޔަގީނުންވެސް ވަރަށް ދަތިވާނެ،" ރާފިއު ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމައަށް ކޮށްދެވޭނީ އެކަންތައް ކޮށްދޭން ހެޔޮހިތަކުން ބޭނުންވާ ބަޔަކާއެކު ކަމަށް ރާފިއު ވިދާޅުވިއެވެ.

އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ މުހިންމުކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.