ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އޮސަސޫނާ ކައިރިން ބަލިވެއްޖެއެވެ.

ރޭ ރެއާލުން ރަށުން ބޭރުގައި ކުޅުނު މެޗުގައި 2-1 އިން ބަލިވި އިރު، އެ ނަތީޖާއާއެކު ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިވަގުތު ރެއާލް އެއްވަނައިގައި އޮތީ 25 މެޗުން 60 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ބާސެލޯނާ އޮތީ 24 މެޗުން 58 ޕޮއިންޓާއެކުގައެވެ. މިހަފުތާ ބާސާއިން ކުޅޭ މެޗުން މޮޅުވެއްޖެނަމަ، އެޓީމަށް އެއްވަނައަށް އެރުމަށް ފުރުސަތު އެބައޮތެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ރެއާލް ކޮޅަށް އޮސަސޫނާ ވަނީ ގޯލް ޖަހައިފައެވެ. އެއީ އޭރިއާ ތެރެއިން ރެއާލްގެ ކީޕަރު ތީބޯ ކޯޓުއާ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީގައެވެ.

އޭރިއާ ތެރެއިން ކީޕަރު ކޯޓުއާ ކުރިއަށް ޖެހި ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އަންޓެ ބުޑިމީރް ވެއްޓުމުން ފުރަތަމަ ރެފްރީ ރީނދޫ ކާޑު ދެއްކީ ބުޑިމީރަށެވެ. އެއީ މަކަރު ހެދި ކަމަށް ބަލައިގެންނެވެ. އެހެން ނަމަވެސް ފަހުން ވީއޭއާރް ބަލައި ޕެނަލްޓީ ދިނީ އޮސަސޫނާއަށެވެ. އެ ޕެނަލްޓީ ކާމިޔާބުކުރީ ބުޑިމީރެވެ.

ދެވަނަ ހާފުގައި ރެއާލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަރިމަތިން ފެޑަރީކޯ ވަލްވާޑޭ ނަގައިދިން ހުރަސް، ގޯލަށް ވައްދާލީ ވިނީޝިއަސް ޖޫނިއާއެވެ.

އެ ގޯލާއެކު މެޗު އެއްވަރުވި ނަމަވެސް، އެންމެ ފަހުވަގުތުގައި އޮސަސޫނާ އެއްވަރުކުރިއެވެ. އެ ގޯލް ޖެހީ ރައުލް ގާސިއާއެވެ.