ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު އަދި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ ގުޅޭ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓާވުމުގެ ފުރުސަތު މަދަމާ ހަމަވާނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލީ މިމަހުގެ ދިހަވަނަ ދުވަހުއެވެ. ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ރީ-ރަޖިސްޓާ ވާން ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އެ ތިން ވޯޓަށް ރީ-ރަޖިސްޓަރީވުމުގެ މުއްދަތު މާދަމާ މެންދުރުފަހު 3:00 އަށް ހަމަވާނެ ކަމަށެވެ.
ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އެ ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ޗެކްކުކުރުމަށް ބޭނުންވާ ފަރާތްތަކުން VR (Space) NID ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ފޮނުވުމުން ޗެކްކުރެވޭނެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ނިންމެވީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
އީސީން ބުނެފައިވާ ގޮތުގައި ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓު ނަގާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.
އަލީ ޔާމިން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން