މާލޭގައި، ގަވާއިދާއިހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ބަހައްޓާފައިހުރި އުޅަނދުތަކާއި، އަދި "އޭ ޒޯން" ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން ފުލުހުން ކަނޑައަޅާ ތަނަކަށް އެފަދަ އުޅަނދުތައް ޓޯކޮށްގެން ގެންދެވޭނެ ކަމަށެވެ.

"އެގޮތުން މާލޭގެ އެކި ތަންތަނުގައި ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް 2026 ފެބުރުވަރީ 22 ވަނަ ދުވަހުގެ 23:30 ގެ ކުރިން ނެންގެވުމަށް ދަންނަވަމެވެ. އަދި މި ތާރީހުގެ ފަހުން ބަޔާންކުރެވިފައިވާ ގޮތަށް ބެހެއްޓިފައި ހުރި އުޅަނދުތައް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ތަނަކަށް ގެންދެވޭނެ،" ފުލުހުން ބުންޏެވެ.

އެގޮތަށް ގެންދާ އުޅަނދުތައް ގެންދާ ގެންދިއުމުގައާއި، ފުލުހުންގެ ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުންގެ މުއައްސަސާއިން ޒިންމާ ނުނަގަނާނެ ކަމަށް ފުލުހުން ބުންޏެވެ.

އުޅަނދުތައް ޓޯކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމަށް ފުލުހުން ބުންޏެވެ.