ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 32 ޕަސަންޓް އިތުރުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މިއަދު ބުނީ އެގޮތަށް ނިންމާފައިވަނީ އިއްޔެ ކަމަށާއި އެ ނިންމުމަކީ ރޯދަ މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް ނިންމި ނިންމުމެއްކަމަށް އެމްއެމްއޭއިން ބުންޏެވެ.

"17 ފެބްރުއަރީ 2026 އިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް އަމަލުކުރާ މި ހާއްސަ އުސޫލުގެ ދަށުން، މަރުކަޒީ ބޭންކުން ބޭންކުތަކަށް އާންމު އުސޫލުގެ ދަށުން ވިއްކާ މިންވަރަށްވުރެ 32 އިންސައްތަ އިތުރުކުރާނެ،" އެމްއެމްއޭއިން ބުންޏެވެ.

ބޭންކުތަކަށް ޑޮލަރު އިތުރަށް ދޫކުރުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

"އަދި އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި، މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ، ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުރުމަށް މިކަމުން މަގުފަހިވާނެ،" އެމްއެމްއޭއިން ބުންޏެވެ.

މިއީ، ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިން ނިޒާމަށް އެހީތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.