ގައުމު ބައްޓަންކުރުމުގައި އިދިކޮޅު އެމްޑީޕީން އަބަދުވެސް އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް، ސަރުކާރު ހިންގާ ޕީއެންސީގެ މާފަންނު ކެމްޕެއިން އިފްތިތާހުކުރުމަށް ރަސްފަންނުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ދައުރަށް ބާކީ ހަ މަސް ދުވަހަށް ވެފައި އޮއްވައި، ސުޕަމެޖޯރިޓީ ބޭނުންކޮށްގެން އެމްޑީޕީގެ މެންބަރުން މަސައްކަތްކުރީ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ކަމަށެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ ނިންމުންތައް ގޯސް ކަމަށާއި މިއަދުވެސް ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެމްޑީީޕީގެ ލީޑާޝިޕުން އެ ދައްކަނީ ހަމަޖެހޭ އުސޫލަކުން ނޫން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ގައުމު ބައްޓަން ކުރުމުގެ އެބޭފުޅުން ވިސްނުން އިސްކުރަނީ އަބަދުވެސް އެބޭފުޅުންގެ އަމިއްލަ މަސްލަހަތުގައި ހުރި ކަންކަން ތަންފީޒުކުރުމަށޭ. އެކަން އެ ދިޔައީ ފެނިގެން. އޭގެ ކުޑަކުޑަ މިސާލެއް މި ދެންނެވީ. އެހެންނަމަވެސް އެކަން އެގޮތަށް ވި ނަމަ، އެއީކީ މުޅި ގައުމު އަނެއްކާވެސް އެތައް ގުނައެއް ފަހަތަށް ސޮއްސާލައިގެންދާނެ ފަދަ އުނދަގޫ ނިންމުމަކަށް ވެގެންދިޔައީސް.،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެ އުނދަގޫ ހާލަތްތަކާއެކު ވެސް ރައީސް ވަނީ އިހުލާސްތެރިކަމާއި އެ މަނިކުފާނުގެ ހިކުމަތްތެރިކަމުން މުޅި ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދެއްވާފައި ކަމަށާއި ހިކުމަތްތެރިކަން އެ މަނިކުފާނު އިސްކުރެއްވި ކަމަށެވެ.

"ތިބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން، ހާއްސަގޮތެއްގައި މާފަންނު ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެކޭ. ރައްޔިތުން ބޭނުންވާ ތަރައްގީ އެނގިވަޑައިގަންނަވައޭ،" ނައިބު ރައީސް ވިދާޅުވިއެވެ.